އާ ކޯޗުގެ އިރުޝާދުތަކަށް ޓީމު މިދަނީ ހޭނެމުންކަމަށާއި، އެގޮތަށް ކުޅެވެން ފެށުމުން ރަނގަޅު ނަތީޖާތަކެއް ދެއްކޭނެކަމަށް ޤައުމީ ބާސްކެޓް ޓީމްގެ ކެޕްޓަން އަހްމަދު ޒިލާލް ބުނެފިއެވެ.
މިމަހުގެ 26 ފެށިގެން މިއަދުގެ ނިޔަލަށް ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށްގެންދިޔަ ސާބާ ޗެންޕިއަންޝިޕްގައި ބަންގްލަދޭޝްއަތުން ބަލިވި މެޗަށްފަހު ޕީ.އެސް.އެމް ސްޕޯޓްސް އާ ވާހަކަދައްކަމުން ޒިލާލް ބުނީ، ފުރަތަމަ ދެމެޗާއި އެއް ގޮތަށް ފަހު ދެމެޗުގައިވެސް މޮޅަށް ކުޅެގެން މޮޅުވުމަށް ޓީމުން އުންމީދުކުރިކަމަށެވެ.
ސާބާ ޗެމްޕިއަންޝިޕްގެ ފަހު މެޗްގައި މިއަދު ހަވީރު ރާއްޖެއާ ބަންގްލަދޭޝް ބައްދަލުކުރި މެޗު 74 – 57 ޕޮއިންޓުން ރާއްޖެ ޓީމް ބަލިވުމުން ފީބާ އޭޝިއާ ކަޕް 2021ގެ ކޮލިފައިންގެ ފަހު ބުރަށް ރާއްޖެ ކޮލިފައިވެފައެއް ނުވެއެވެ. ފީބާ އޭޝިއާ ކަޕް 2021ގެ ކޮލިފައިންގެ ފަހު ބުރަށް ކޮލިފައިވީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ރަންމެޑައްޔާއެކު ސްރީލަންކާއެވެ. އަދި ރިހިމެޑަލްއާއެކު ދެވަނަ ޓީމެއްގެ ގޮތުގައި ރާއްޖެ ބަލިކޮށް ބަންގްލަދޭޝްވަނީ ކޮލިފައިވެފައެވެ. ރާއްޖެއަށް މުބާރާތުން ލިބުނީ ތިންވަނައެވެ.
އިންޑިއާގައި ކޭމްޕު ކުރުމަށްފަހު ބަންގްލަދޭޝްއަށް އައިސް މެޗްތައް ކުޅެންފެށުމާއެކު ބައެއް ކުޅުންތެރިން އިންޖަރީސްތަކެއްވެ، ބަލިވެސްވިކަން ފާހަގަކުރަމުން އޭނާ ބުނީ އާ ކޯޗަކާއެކު މަސައްކަތް ފެށުމުން އެކޯޗުގެ ސިސްޓަމަށް ކުޅުންތެރިން އަދި މުޅިން ނުހޭނޭކަމަށެވެ.
"އެންމެންވެސް ފޯކަސްކޮށްގެން އައީ މޮޅަށް ކުޅެގެން މޮޅުވުމަށް. އެހެން ނަމަވެސް ޓީމްތެރޭގައި ބަލިތަކާއި، އިންޖަރީސްތައް އެބައުޅޭ. ދެން އަޅުގަނޑުމެން އައު ކޯޗަކާއެއްކޮށް ދަތުރު މިފެށައިގެން އަދި މިއުޅެނީ ހަމަ ފެށުމުގައި. އެހެންވީމަ އޭނަގެ ސިސްޓަމަށް މަޑުމަޑުން މި އެޑޮޕްޓުވަނީ. މީތި ކްލިކްވާ ހިސާބުން އިރާދަކުރެވިއްޔާ ރަނގަޅު ޕަރފޯމަންސެއް ދެއްކޭނެ" ޒިލާލް ބުންޏެވެ.
ޤައުމީ ބާސްކެޓް ޓީމްގެ ކޯޗް ޖޯން ކޮފީނޯ ބުނީ ފަހު ދެމެޗުން ރާއްޖޭގެ ޓީމް މޮޅު ނުވުމަކީ ޓީމްގެ ކުޅުންތެރިން ބަލިވެގެނާއި، އިންޖަރީ ވެގެންވީކަމެއް ނަމަވެސް އެއީ އެކްސްކިއުޒެއް ނޫންކަމަށެވެ. ލަންކާ ޓީމާއި ބަންގްލަދޭޝްގެ ޓީމުންވެސް މޮޅު ކުޅުމެއް ދެއްކި ކަމަށާއި، ރާއްޖެ ޓީމް ކުޅުންތިން މާބޮޑަށް ވަރުބަލިވުމުން އޭގެ ފައިދާ އަނެއް ދެޓީމުން ނެގީކަމަށް ކޯޗު ބުންޏެވެ.
"ގިނަ ކުޅުންތެރިން ބަލިވެ އުޅެނީ، އިންޖަރީވެސް ވެފައި. އެކަމް އެއީ އެކްސްކިއުޒެއް ނޫން. ހަގީގަތަކީ އަޅުގަނޑުމެން ޓީމް މާބޮޑަށް ޓަޔަޑްވީ އޭގެ ފައިދާ ފަހުން ކުޅުނު ދެޓީމުން ނެގީ" ކޯޗް ބުނެނެވެ.