ޚަބަރު

ހއ.ގެ ހުރިހާ ރަށެއްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރަން ފަށަނީ


އޮގަސްޓް މަހުގެ ނިޔަލަށް ހއ.ގެ ހުރިހާ ރަށެއްގައި އިޢާދަކުރަނިވި ހަކަތަ އުފައްދާ ނިޒާމް ޤާއިމުކޮށް، އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ބޭނުންކުރަން ފަށާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީއިން ބުނެފިއެވެ.

ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދުވާލު ގަޑީގައި ބޭނުންކުރާ ކަރަންޓުގެ 30 އިންސައްތައަކީ އިޔާދަ ކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ. މަޝްރޫޢުގެ ދަށުން މިހާރުވެސް ރާއްޖޭގެ ބައެއް ރަށްރަށުގައި ދަނީ ސޯލާ ޕެނަލް ހަރުކޮށް އަވިން ކަރަންޓު އުފައްދަމުންނެވެ.

ސަރުކާރުން 2014 ވަނަ އަހަރު ފެއްޓި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއަކީ ކަރަންޓް އުފެއްދުމަށް ތެލަށް ކުރާ ޚަރަދު ކުޑަކޮށް، ރާއްޖެއިން ލިބެންހުރި ޤުދުރަތީ ވަޞީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދާ، ކަރަންޓު އުފެއްދުމަށް ތެލަށްކުރާ ހޭދަ ކުޑަކުރުމަށް ފެށި މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެދަށުން މިހާރުވެސް އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި، ށ.ގޮއިދޫ، ކުރެންދޫ، ތ.ބުރުނީ، އަދި ގއ.ވިލިގިލިގައި ގެންދަނީ މި މަޝްރުޢޫގެ މަސައްކަތް ނިންމައި އަވިން އުފައްދާ ކަރަންޓު ބޭނުންކުރަމުންނެވެ.

ރާއްޖެގެ ހުރިހާ އަތޮޅެއްގައިވެސް މި މަޝްރޫޢުގެ މަސައްކަތް ފަށައިގެން ކުރިއަށްދާއިރު، ހއ އަތޮޅަކީ މި މަޝްރުޢޫގެ ޢަމަލީ މަސައްކަތް އެންެމެ ފުރަތަމަ ފެށި އަތޮޅު. އެގޮތުން ހއ.ގެ 14ރަށުގައި އަވިން ހަކަތަ އުފައްދާ ނިޒާމުގެ 85 އިންސައްތަ މަސައްކަތްކަތް މިހާރު ނިމިފައިވާ ކަމަށް އެންވާރަމެންޓް މިނިސްޓްރީއިން ބުނެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު ޢަލީ ވިދާޅުވީ ބައެއް ރަށްތަކުގެ އިންޖީނުގެތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދާތީ މި މަސައްކަތް ކުރިއަށްގެންދިއުމުގައި މަޑުޖެހުމެއް އުޅޭކަމަށެވެ. ނަމަވެސް މި މަޝްރޫއާ ގުޅުންހުރި މަސައްތައް މަޑުޖެހުމެއްނެތި އެރަށްތަކުގައިވެސް ކުރިއަށްދާކަން އަޙްމަދު ޢަލީ ފާހަގަކުރެއްވިއެވެ.

ހދ.އަތޮޅުގެ 13 ރަށުގައި އަވިން ހަކަތަ އުފައްދާ ނިޒާމް ޤާއިމުކުރުމަށް މިހާރުވަނީ ބަޔަކާއި ހަވާލުކޮށްފައެވެ. މި މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމުމަށްދަނީ މަސައްކަތް ކުރަމުންނެވެ. ށ އަތޮޅާއި ނ އަތޮޅުގެ މަސައްކަތް ބަޔަކާ ޙަވާލުކޮށް މިހާރުުދަނީ އެކަމަށް ބޭނުންވާ ސާމާނު ރަށްރަށަށް ފޮނުވަމުންނެވެ.

މި މަޝްރޫޢު ފެށުމަށް ބޭނުންވާ ސަރވޭ ކުރުމާއި، ފީސިބިލިޓީ ސްޑަޑީސް ހެދުމާއި، ކުރެހުންތައް ފައިނަލް ކުރުމުގެ މަސައްކަތް ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިހާރު ކުރަމުންދާއިރު، މި އަހަރުގެ ތެރޭގައި އިތުރު 160 ރަށުގައި އިޢާދަ ކުރަނިވި ހަކަތަ އުފެއްދުމަށް ބޭނުންވާ ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ފެށުމަށް ބީލަމަށް ހުޅުވާލާނެކަަމަށް މިނިސްޓްރީން ބުނެއެވެ. މި މަޝްރޫޢުގެ ހުރިހާ މަސައްކަތެއް އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.