ދީނީ ދަޢުވަތު ދިނުމާއި ދަޢުވަތުފެތުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުން، ޢިލްމުވެރިންގެ މެދުގައި މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެއް ކ.ހިންމަފުށީގައި ފަށައިފިއެވެ.
ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން އިންތިޒާމުކޮށްގެން ހިންމަފުށީގައި ފެށި މިބައްދަލުވުމުގައި ރާއްޖޭގެ ފުންނާބުއުސް ގިނަ ޢިލްމުވެރިންތަކެއް ބައިވެރިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް، ޙަރަކާތްތެރިވެ ލައްވާ ގިނަ ޢަދަދެއްގެ ޢިލްމުވެރިން ހިމެނެއެވެ.
މި ބައްދަލުވުމާއި ގުޅޭ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާ ހިއްސާ ކުރައްވަމުން ޖަމްޢިއްޔަތުއްސަލަފްގެ ރައީސް ޝެއިޚް އަބުދުﷲ ވިދާޅުވީ ދީނީ ދަޢުވަތު ދިނުމާއި ދަޢުވަތު ފެތުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުން، ޢިލްމުވެރިންގެ މެދުގައި މަޝްވަރާ ކުރުމަށް އެ ޖަމްޢިއްޔާއިން އިންތިޒާމްކުރި ބައްދަލުވުން ފެށިގެން ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށާއި، އެގޮތުން ހެނދުނުގެ ދަންފަޅީގައި ވާހަކަ ދެކެވުނު ކަންކަމާއި ގުޅޭ ގޮތުން މެންދުރު ފަހުގެ ދަންފަޅީގައި ޚިޔާލު ހުށަހެޅުން ކުރިއަށްދާނެ ކަމަށެވެ. އަދި ބައްދަލުވުން ނިންމާލުމުގެ ކުރިން މަޝްވަރާކުރެވުނު ކަންކަމަށް ހައްލު ހޯދާނެ ގޮތްތަކާމެދު ގޮތެއް ނިންމާނެ ކަމަށެވެ.
ދީނީ ދަޢުވަތު ދިނުމާއި ދަޢުވަތުފެތުރުމުގައި ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުން، ޢިލްމުވެރިންގެ މެދުގައި މަޝްވަރާ ކުރުމަށް މިއަދު ހިންމަފުށީގައި ކުރިއަށް ގެންދާ ބައްދަލުވުމުގައި މައިގަނޑު 2 ނުކުތާ އެއްގެ މައްޗަށް މަޝްވަރާ ކުރުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ދީނީ ދަޢުވަތު ފެތުރުމާއި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގައި ތަޢުލީމީ ދާއިރާގައި ހުރި ގޮންޖެހުންތަކާއި، މުޖްތަމަޢަށް ނެރޭ ފަތުވާތަކަކީ ޢިލްމުވެރިންގެ މެދުގައި މަޝްވަރާކުރެވިގެން ނެރެވޭ ފަތުވާތަކެއްގެ ގޮތުގައި ހެދުމަށް މަޝްވަރާ ކުރެވޭނެކަމަށް ސަލަފް ޖަމްޢިއްޔާއިން ބުނެއެވެ.
މިއަދު ކުރިއަށްދާ ބައްދަލުވުމުގައި 21 ދީނީ ޢިލްމުވެރިން ބައިވެރިވެއެވެ. ޖަމްޢިއްޔަތުއްސަލަފުން އިންތިޒާމުކޮށްގެން މިފަދަ ފުރަތަމަ ބައްދަލުވުން މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހުގެ ރޭ ސަލަފުގެ އިދާރާގައި ބާއްވާފައިވާއިރު، އެބައްދަލުވުމުގައިވެސް 21 ޢިލްމުވެރިން ވަނީ ބައިވެރިވެފައެވެ.