ޚަބަރު

ނަޝީދު ކުރިމަތި ނުލީ އެއް ނޫން ފުރުސަތު ނެތީ - ޕީޕީއެމް


ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވާނެކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު އިޢުލާން ކުރެއްވީ ޤާނޫނީ އިމުގެތެރެއިން އެކަން ކުރެވޭނެ އެއްވެސް ފުރުޞަތެއް ނެތްކަން ގަބޫލުފުޅު ކުރެވިގެން ކަމަށް ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްގެ ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ.

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ގިނަ މެންބަރުންތަކެއް މިފަދައިން ވިދާޅުވީ ޓެރަރިޒަމްގެ ކުށް ސާބިތުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ޚުކުމުގެ ސަބަބުން ޤާނޫނީ ގޮތުން އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ނެތް ނަމަވެސް ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ކުރެއްވި މަސައްކަތް ހުއްޓާލެއްވުމަށްފަހު ވާދަ ނުކުރައްވާނެކަން އިޢުލާން ކުރެއްވުމާއި ގުޅިގެންނެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލެއްވިކަން ރައީސް ނަޝީދު އިޢުލާނު ކުރުމާއި ގުޅިިގެން ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އަންނަ ރިޔާސީ އިންތިޚާބަށް ކުރިމަތިނުލައްވާނެކަމަށް ވިދާޅުވެ ރައީސް ނަޝީދު ހައްދަވަނީ އިތުރުފުޅެއް ކަމަށާއި، އިންތިޚާބުގައި ވާދަ ކުރުމުގެ ވިސްނުން ނަޝީދު ދޫކޮށްލެއްވީ ޤާނޫނީ އިމުގެ ތެރެއިން އިންތިޚާބުގައި ވާދަ ނުކުރެވޭނެކަން ނަޝީދަށް ގަބޫލުފުޅު ކުރެވިގެން ކަމަށެވެ.

ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުޞައިން މަނިކު ވިދާޅުވީ ނަޝީދުގެ ނަންފުޅު ވޯޓު ކަރުދާހުގައި ނޯންނާނެ ކަމަށް ތަކުރާރުކޮށް އެތައް ފަހަރަކު ދަންނަވާފައިވާނެ ކަމަށާއި، ތަކުރާރުކޮށް އެފަދައިން ބުނަމުން ދިޔައީ ޤާނޫނީ ހަމަތަކުގެ ތެރެއިން ނަޝީދަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ބަންދުވެފައި އޮތުމުން ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މި އަހަރުގެ ރިޔާސީ އިންތިޚާބު ސީދާ އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށް ނިޙާން ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ކުރިމަތިނުލައްވަން ނަޝީދު ނިންމެވީ ނޫން ކަމަށާއި، ކުށްވެރިން އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ޤާނޫނުގައި ދީފައިނުވާ ކަމަށެވެ. އެގޮތުން ނަޝީދުގެ މައްޗަށް އިއްވާފައިވާ ބޮޑު މާސިންގާ ޖަލު ހުކުމުގެ ސަބަބުން ނަޝީދަށް އެ ފުރުސަތު ނުލިބުނީ ކަމަށެވެ.

ޖަމީލް އުސްމާން ކުރެއްވި ޓްވީޓްގައި ވަނީ ނަޝީދުގެ ފަހަތުގައި ތިބި ބޭރުގެ ފަރާތްތަކުންވެސް އޭނާ ދޫކޮށްލާފައިވާކަމަށާއި، އެހެން ކަމުން އެމްޑީޕީ މުޅި ދުނިޔެއިންވެސް ފެއިލް ވެއްޖެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވުމަށް ފަހު، އިދިކޮޅު މަޖިލިސް މެންބަރުންނަށް ނަޝީދު ފޮނުވި މެސެޖެއްގައި ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ނިންމެވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުމަށްޓަކައި ކަމަށެވެ.

ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ރަހީނުކޮށްގެން ގެންގުޅުނު މައްސަލައާއި ގުޅިގެންނެވެ. އެ މައްސަލައިގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ ރައީސް ނަޝީދުގެ މައްޗަށް ވަނީ 13 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ.