ކުޅިވަރު

ރޮނާލްޑޯ އެކަނި ޓީމު މޮޅުކޮށްނުދެވޭނެ: ޕޯޗުގަލް ކޯޗު


ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ އެކަނި މަސައްކަތުން އުރުގުއޭ އަތްދަށުނުވެ ވަރލްޑް ކަޕުގެ ދެ ވަނަ ބުރުން ސަލާމަތް ނުވެވޭނެ ކަމަށް ޕޯޗުގަލް ޓީމުން ބުނެފިއެވެ.
ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ ރޮނާލްޑޯ އެކަނި މަސައްކަތް ކުރަންވެއްޖެނަމަ މެޗު ގެއްލިދާނެ ކަމަށާއި، އޭނާއަށް ވެސް ޓީމުގައި ޒިންމާތަކެއް އެބައޮތް ކަމަށެވެ.

"ރޮނާލްޑޯ އެކަނި މިކަމެއްނުވާނެ. އޭނާ ގޯލު ޖެހިޔަސް އެކަނި ކުޅެން ވެއްޖެނަމަ އަހަރުމެން ބަލިވާނެ. އޭނާއަށް ވެސް ޓީމުގައި ޒިންމާތަކެއް އޮވޭ. އަހަރުމެން ކުޅެންވީ ޓީމެއްގެ ގޮތުގައި. އުރުގުއޭ އަށްވުރެ އަހަރުމެން ޓީމެއްގެ ގޮތުގައި ވަރުގަދަވާންޖެހޭނެ،" 2016 ވަނަ އަހަރުގެ ޔޫރޯ ޕޯޗުގަލް އަށް ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.

އޭނާ ބުނީ ހުރިހާ ގޮތަކުން ބެލި ނަމަވެސް އުރުގުއޭ އަކީ ޕޯޗުގަލް އަށްވުރެ މޮޅު ޓީމެއް ކަމަށެވެ.

"އެމީހުންގެ ސެންޓްރަލް ޑިފެންޑަރުން ކުޅެނީ އެތްލެޓިކޯ މެޑްރިޑަށް. އެމީހުން ވަނީ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ. މިޑްފީލްޑަރުންގެ ތެރެއިން އެކަކު ކުޅެނީ ޔުވެންޓަސްއަށް، އަނެކަކު އިންޓަމިލާނަށް. އެމީހުންގެ ފޯވަޑުން ކުޅެނީ ޕީއެސްޖީ އާއި ބާސެލޯނާ އަށް. މިއިން ކޮންމެ ޑިޕާޓްމަންޓެއްގައި ވެސް މިތިބީ ޔޫރަޕުގެ ލީގުގަތައް ކާމިޔާބުކުރި ކުޅުންތެރިން،" އުރުގުއޭ ޓީމުގެ ވަރުގަދަކަން ކިޔައިދެމުން ސަންޓޯސް ބުންޏެވެ.

ނަމަވެސް ސަންޓޯސް ބުނީ އޭނާ އުއްމީދު ކުރަނީ އުރަގުއޭ ބަލިކޮށް މުބާރާޓުގެ ކުއާޓާ ފައިނަލަށް ދާން ކަމަށާއި، އެއިރުން ރޮނާލްޑޯއަށް ތަފާތުތަކެއް ވެސް ދެއްކޭނެ ކަމަށެވެ.