ކުޅިވަރު

ބަލިވިޔަސް ކޯޗު ބަދަލެއްނުވާނެ: ފްރާންސް


ވަރލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ އާޖެންޓީނާ އަތުން ބަލިވެ، މުބާރާތުން ކެޓިޔަސް ފްރާންސްގެ ކޯޗުކަމުން ޑިޑިއޭ ޑެޝޯން ވަކިނުކުރާނެ ކަމަށް އެ ޤައުމުން ބުނެފިއެވެ.
ފްރާންސްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ނިއޯލް ލެ ގްރެޓް ވިދާޅުވީ ޑެޝޯން މަޤާމުގައި ބަހައްޓަން ނިންމީ އޭނާއާއެކު ހަދާފައިވާ ކޮންޓްރެކްޓަށް އިހްތިރާމް ކުރުމުގެ ގޮތުން ކަމަށެވެ.

"އޭނާ އެހުރީ 2020 ވަނަ އަހަރާ ހަމައަށް އަހަރުމެންނާއެކު ކޮންޓްރެކްޓެއްގައި. އަހަރެންނަކީ ކޮންޓްރެކްޓަށް އިހްތިރާމް ކުރާ މީހެއް. ކޯޗުކަމުގައި ހުންނާނީ ޑެޝޯން ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް،" ލެ ގްރެޓް ބުންޏެވެ.

ޑެޝޯން އަކީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2000 ވަނަ އަހަރުގެ ޔޫރޯ ފްރާންސަށް ކާމިޔާބުކޮށްދިން ކެޕްޓަނެވެ. އޭނާ ވަނީ އެންމެ ފަހުގެ ޔޫރޯގެ ފައިނަލަށް ވެސް ކޯޗެއްގެ ގޮތުން ފްރާންސް ގެންގޮސްދީފައެވެ.
ޑެޝޯނާއެކު ކުޅުނު ބައެއް ކުޅުންތެރިން ވަނީ ފްރާންސްގެ ޓީމުގެ ކުޅުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ނަމަވެސް ލެގްރެޓް ބުނީ ފްރާންސް ވަރލްޑް ކަޕުން އަދި ނުކަޓާ ކަމަށާއި، އާޖެންޓީނާ އަކީ ކިތަންމެ މޮޅު ޓީމެއް ވިޔަސް ފްރާންސަށް މުބާރާތުގައި ކާމިޔާބު ހޯދިދާނެ ކަމަށެވެ.
ޑެޝޯން ކޯޗުކަމުގައި ހުންނާނެ ކަމަށް ރައީސް ވިދާޅުވީ އެ މަޤާމަށް ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު އަދި ފްރާންސްގެ ކުރީގެ ކެޕްޓަން ޒައިނުއްދީން ޒިދާން ގެންނަން އުޅޭކަމުގެ އަޑުތައް ފެތުރިފައިވަނިކޮށެވެ.