ޚަބަރު

ކައުންޓަރ ޓެރެރިޒަމްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ސިންގަޕޫރާއެކު ރާއްޖެއިން މަޝްވަރާކޮށްފި


ކައުންޓަރ ޓެރެރިޒަމްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން ސިންގަޕޫރުގެ ކައުންޓަރ ޓެރެރިޒަމް އެޖެންސީއާއެކު ދިވެހިރާއްޖެއިން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ އދ.ގެ މައި އިދާރާގައި މިހާރު ކުރިއަށްދާ ކައުންޓަރ ޓެރެރިޒަމްއާއި ދެކޮޅަށް މަސައްކަތްކުރުމަށް ބާއްވާ މަތީ ފަންތީގެ ބައްދަލުމުގެ ޙަވާސާގައެވެ. މި ބައްދަލުމުގައި ދިވެހި ރާއްޖޭގެ ވަފްދުގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ދިވެހިރާއްޖޭގެ ކައުންޓަރ ޓެރެރިޒަމް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލް، ބްރިގޭޑިއަރ ޖެނެރެލް ޒަކަރިއްޔާ މަންސޫރެވެ.

ސިންގަޕޫރުގެ ކައުންޓަރ ޓެރެރިޒަމް އެޖެންސީއާއެކު ދިވެހިރާއްޖެއިން ވަކިން ބޭއްވި މަޝްވަރާތަކުގައި ޓެރެރިޒަމާއި ދެކޮޅަށް ދިވެހިރާއްޖޭން ކުރަމުންދާ މަސައްކަތްތަކާއި، ރާއްޖޭގެ ކަންކަން ކުރިއަށްދާގޮތުގެ މަޢުލޫމާތު، ސިންގަޕޫރުގެ އިސް ވަފުދުގެ ބޭފުޅުންނާއި ވަނީ ހިއްސާކޮށްފައެވެ. އަދި ނެޝެނަލް ކައުންޓަރ ޓެރެރިޒަމް ސެންޓަރު، އެން.ސީ.ޓީ.ސީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ޓެރެރިޒަމްއާއި ދެކޮޅަށް ދެ ޤައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާގުޅޭ ގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.

ދެ ދުވަހުގެ ނިޔަލަށް އެމެރިކާގެ ނިއުޔޯރކުގައި ހުންނަ އ.ދ ގެ މައި އިދާރާގައި ކުރިއަށްގެންދާ ކައުންޓަރ ޓެރެރިޒަމާގުޅޭ މި ކޮންފަރެންސްގައި ގިނަ އަދަދެއްގެ ޤައުމުތަކުން ބައިވެރިވެފައިވާއިރު، ޓެރަރިޒަމް ނައްތާލުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އެކި ޤައުމުތަކާއެކު މަޝްވަރާކުރުމަށް ރާއްޖެއިން ދަނީ މަސައްކަތްކުރަމުންނެވެ.

ޓެރެރިޒަމްއާއި ދެކޮޅަށް މަސައްކަތްކުރުމަށް ބާއްވާ މަތީފަންތީގެ މިބައްދަލުވުމަކީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އ.ދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތަރޭޒް ގެ އިސްނެންގެވުމާއެކު، އެ ޖަމްޢިއްޔާ ގެ ޢާންމު ޖަލްސާގައި ބައިވެރިވި 152 ޤައުމެއްގެ މެންބަރުންގެ އެދިވަޑައިގަތުމަށް މިއަހަރަށް ތާވަލް ކުރި ކޮންފަރެންސެކެވެ.