ޚަބަރު

އޮންލައިންކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެ އިންތިޒާމް ބީއެމްއެލްއިން ހަމަޖައްސަނީ


އޮންލައިންކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެ އިންތިޒާމް އަންނަ ހަފްތާގެ ތެރޭގައި ފަށާނެކަމަށް ބީއެމްއެލްއިން ބުނެފިއެވެ.

ބީއެމްއެލްއިން މިކަން ހާމަކޮށްފައިވަނީ ބޭންކިންގ ޚިދުމަތްތަކާ ގުޅޭގޮތުން ރިސޯޓްތަކަށް އަމާޒުކޮށް ބޭއްވި ފުރަތަމަ ހަފްލާގައެވެ. މި ޚިދުމަތަކީ ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް ރިސޯޓްތަކުގެ މުވައްޒަފުންނަށާއި އެކި ރަށްރަށުގައި މަސައްކަތްކުރާ ފަރާތްތަކަށް މިހާރު ދިމާވާ ދަތިތަކަށް ވަރަށް ބޮޑު ލުޔެއް ގެނެސްދޭނެ ޚިދުމަތަކަށް ވެގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި މި ހަފްލާގައި، ބޭންކުގެ ބްރާންޗު ޚިދުމަތްތަކާއި ކާޑު އަދި އޮންލައިން ބޭންކިންގ ޚިދުމަތްތައް ހިމެނޭހެން ބީއެމްއެލް އިން ރިސޯޓްތަކަށް ފޯރުކޮށްދެމުންދާ ބޭންކިންގ ޚިދުމަތްތައް ވަނީ ދައްކާލާފައެވެ.

އިންޓަރނެޓް ބޭންކިންގ، ކާޑު، ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ދެމުންދާ ޚިދުމަތްތަކާއެކު ފުރިހަމަ ބޭންކިންގ ޚިދުމަތެއް ރިސޯޓްތަކަށް ދެމުންދާކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި މީގެ އިތުރުން ކޮންމެ ރިސޯޓެއްގެ ބޭންކިންގ ޚިދުމަތްތަކާ ގުޅޭގޮތުން މުޢާމަލާތްކުރުމަށްޓަކައި ރިލޭޝަންޝިޕް މެނޭޖަރެއް ކަނޑައެޅިފައިވާކަން ބޭންކުންވަނީ ހާމަކޮށްފައެވެ.

މި ހަފްލާގައި ރާއްޖޭގެ އެކި ރިސޯޓްތަކުގެ މެނޭޖްމަންޓުގައި އިސްކޮށް މަސައްކަތްކުރާ ބޭފުޅުން ބައިވެރިވަޑައިގެންފައިވެއެވެ.

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ ރިސޯޓްތަކަށް ޙާއްސަކޮށްގެން ބޭއްވުނު މި ހަފްލާގައި ގިނަ ފަރާތްތަކުން ބައިވެރިވުމަކީ ލިބޭ ވަރަށްބޮޑު އުފަލެއްކަމަށެވެ. އަދި އިންޓަރނޭޝަނަލް އޮންލައިން މަނީ ޓްރާންސްފާގެ ޚިދުމަތާ ގުޅޭ މަޢުލާމާތު މި ހަފްލާގެ ތެރެއިން ޙިއްސާކުރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް އެންޑްރޫ ވިދާޅުވިއެވެ.