ޚަބަރު

ގެޓްސެޓް ލޯނުގެ ތިންވަނަ ބުރުގެ އެޕްލިކޭޝަން ފޯމުތައް ބަލައިގަތުމުގެ މުއްދަތު އިތުރުކޮށްފި


ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ދޫކުރާ ގެޓްސެޓް ލޯނުގެ ތިންވަނަ ބުރުގެ އެޕްލިކޭޝަން ފޯމުތައް ބަލައިގަތުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގެޓްސެޓް ލޯނުގެ ތިން ވަނަ ބުރުގެ އެޕްލިކޭޝަން ފޯމް ބަލައިގަތުން ޖުލައި މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ. ކުރިން އެ މިނިސްޓްރީން ފޯމް ބަލައިގަތުމުގެ އެންމެ ފަހު ތާރީޚެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މިމަހުގެ 28 ވަނަ ދުވަހެވެ.

ފޯމުތައް ބަލައިގަންނާނީ ކޮންމެ ދުވަހެއްގެ 13:00 އިން 17:00 އަށް ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އޮފީހުންނާއި، ހދ. ކުޅުދުއްފުށި، އައްޑޫ ސިޓީ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ އަދި ޅ. ނައިފަރުގައި ހުންނަ އެ މިނިސްޓްރީގެ ބިޒްނަސް ސެންޓަރުތަކުންނެވެ.

އެގޮތުން ކޮންމެ ދުވަހެއްގެވެސް ހެނދުނު ދިހަޔަކުން މެންދުރު ދޭއްޖެހުމާ ހަމައަށް ފޯމް ބަލައިގަންނާނެ ކަމަށާއި، ފޯމް ބަލައިގަތުމަށް ދޫކުރާ ކޮންމެ ޓޯކަން ނަންބަރަކަށްވެސް ހުށަހެޅޭނީ އެންމެ އެޕްލިކޭޝަނެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. ނަމްބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު ދިހަޔަކުން މެންދުރުފަހު ދޭއްޖެހުމާ ހަމައަށް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލެވިފައިވާ މި ލޯނަށް ކުރިމަތިލުމަށް، އެޕްލިކޭޝަން ހުށަހެޅޭނީ 3 ލައްކައާއި 8 ލައްކަ ރުފިޔާގެ ބަޖެޓެއްގެ މައްޗަށް ތައްޔާރު ކުރެވިފައިވާ ވިޔަފާރި ޕްރޮޕޯސަލަކާއެކުގައެވެ.

ގެޓް ސެޓް ލޯނުގެ ތިންވަނަ ބުރުގެ އެޕްލިކޭޝަން ފޯމުތައް ދޫކުރަން ފަށާފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. މިފަހަރުގެ ގެޓްސެޓް ލޯން ޕްރޮގްރާމަށްވެސް 40 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. މިދިޔަ ދެ އަހަރުގެ ތެރޭގައި ގެޓްސެޓް ލޯނުގެ ގޮތުގައި 71 ފަރާތަކަށް އިކޮނޮމިކް މިނިސްޓްރީން ލޯނު ދޫކޮށްފައިވެއެވެ.