ޚަބަރު

"ހިޔާ" މަޝްރޫޢުގެ ފޯމްތައް ޗައިނާގައި ހުންނަ ދިވެހި އެމްބަސީންވެސް ބަލައިގަންނަން ފަށައިފި


ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ ޕްރޮޖެކްޓްކަމުގައިވާ "ހިޔާ" މަޝްރޫޢުގެ ފޯމްތައް ބަލައިގަތުމުގެ އިންތިޒާމް ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައިވެސް ހަމަޖައްސައިފިއެވެ.

ޗައިނާގެ ބެއިޖިންގގައި ހުންނަ ރާއްޖޭގެ އެމްބަސީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހިޔާ މަޝްރޫޢުގެ ދަށުން ދޫކުރާ ފްލެޓްތަކަށް އެދި ހުށަހަޅާ ފޯމް ދޫކުރުމާއި، ބަލައިގަތުމުގެ ޙިދުމަތް 20 ޖުލައިގެ ނިޔަލަށް ކުރިއަށްދާނެކަމަށެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިހާރު އިމާރާތްކުރަމުންދާ 7000 ހައުސިންގ ޔުނިޓަށް ކުރިމަތިލުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލާފައިވަނީ މިދިޔަ މެއިމަހުގެ 6 ވަނަ ދުވަހުއެވެ. އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހާއި ހަމައަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހައުސިންގ މިނިސްޓްރީން ހުޅުވާލާފައިވާއިރު، ޗައިނާގައި ހުންނަ އެމްބަސީގެ އިތުރުން، ސްރިލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީންވެސް ހިޔާ މަޝްރޫޢުގެ ފްލެޓަށް އެދޭ ފޯމްތައް ބަލައިގަތުމުގެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ.

މި ފްލެޓްތަކަށް އެދޭ ފަރާތްތަކުން އެންމެ ފަހުވަގުތަށް މަޑުނުކުރައްވައި މަޢުލޫމާތު ފުރިހަމަކުރުމަށްފަހު ފޯމުތައް ހުށަހެޅުމަށް ހައުސިން މިނިސްޓްރީން ވަނީި އިލްތިމާސްކޮށްފައެވެ. އަދި ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ހިފައިގެން ގޮސްފިނަމަ ފަސް ވަރަކަށް މިނެޓުގެ ތެރޭގައި ފޯމުބަލައިގަތުމުގެ ކަންކަން ނިންމާލެވޭނެކަމަށްވެސް ހައުސިންގ މިނިސްޓްރީން ބުނެއެވެ.