ޚަބަރު

މުމްބާއީގައި މަތިންދާބޯޓެއް ވެއްޓި 5 މީހުން މަރުވެއްޖެ


އިންޑިޔާގެ މުމްބާއީގެ އިމާރާތެއްގެ މައްޗަށް ކުޑަ މަތިންދާ ބޯޓެއް ވެއްޓި ފަސް މީހުން މަރުވެއްޖެއެވެ. 10 ސީޓުގެ ޖާގައިގެ އެ ބޯޓު ވެއްޓުނީ، މުމްބާއީގެ އިރުމަތީގެ އަވަށެއްކަމަށްވާ ގަތުކޮޕާރުގައިވާ އިމާރާތްކުރުމުގެ މަސައްކަތްކުރާ ސައިޓަކަށެވެ.

އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ފަރާތްތަކުން ބުނީ އެ ބޯޓު ވެއްޓުމާއެކު އެ ތަނުގައި އަލިފާން ރޯވެފައިވާކަމަށާއި، ހުޅުގަނޑު ނިއްވާލެވުނީ އެއް ގަޑިއިރުގެ މަސައްކަތުންކަމަށެވެ. އެ ހާދިސާގައި މަރުވީ އެ ބޯޓުގައި ތިބި ހަތަރު މީހުންނާއި ބޯޓު ވެއްޓުނު ސަރަހައްދުގައި ތިބި މީހުންގެ ތެރެއިން އެކަކުކަމަށް އިންޑިޔާގެ މަސްއޫލުވެރިން ވިދާޅުވިއެވެ.

އެ ހާދިސާ ތަޙުޤީޤުކުރާނެ ކަމަށާއި އެ ބޯޓުގެ ކަޅުފޮށި ހޯދުމުގެ މަސައްކަތްވެސް ކުރިޔަށްދާކަމަށް، އިންޑިޔާގެ ވައިގެ އުޅަނދުތަކުގެ އެކްސިޑެންޓްތައް ތަޙުޤީޤުކުރާ އިދާރާއިން ބުންޏެވެ.

އިންޑިޔާގެ ސިވިލް އޭވިއޭޝަނާ ބެހޭ އިދާރާއިން ބުނީ، ވެއްޓުނު ބޯޓަކީ މުމްބާއިގެ އަމިއްލަ އެއަރލައިނަކަށް ނިސްބަތްވާ ސީ- ނުވަދިހައިގެ ބޯޓެއްކަމަށެވެ. އެ ބޯޓު ވެއްޓުނީ ޓެސްޓް ފްލައިޓެއްގެ ގޮތުގައި ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.