ޚަބަރު

އިންތިހާބާއި ދިމާކޮށް ޤާނޫނާއި ހިލާފުވާ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނަން - ފުލުހުން


އަންނަ ރިޔާސީ އިންތިހާބާއި ދިމާކޮށް ޤާނޫނާއި ޚިލާފު އަމަލުތައް ހިންގާ ފަރާތްތައް ހުއްޓުވާ ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުުލުހުން ދީފިއެވެ. ފުލުހުން ބުނީ ރިޔާސީ އިންތިހާބަށް ސަލާމަތީ ކަންކަން ބެެލެހެއްޓުމަށް ބޭނުންވާ ފުލުހުން އަންނަ މަހު ފަހުކޮޅު އަތޮޅުތަކަށް ފޮނުވަން ފަށާނެކަމަށްވެސް ފުލުހުން ބުނެއެވެ.

ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިލެކްޝަން ކޮމިޝަނާއެކު އެކުލަވާލާފައިވާ އެއްބަސްވުމާއި ގުޅޭ މަޢުލޫމާތު ޙިއްސާކުރުމަށް އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ރައްޔިތުންނަށް އަމާން އޮމާން އިންތިޚާބެއް ކަށަވަރުކޮށްދިނުމަށް ފުލުހުން އެންމެމަތީ ފެންވަރުގައި ތައްޔާރީތައްވަމުންދާ ކަމަށެވެ. އެގޮތުން ފުލުހުންގެ މުއައްސަސާގެ ހުރިހާ ވަސީލަތެއް ބޭނުން ފުރިހަމަ ގޮތުގައި ހިފާނެ ކަމަށްވެސް ޝިފާން ވިދާޅުވިއެެވެ.

ޝިފާން ވިދާޅުވީ ފަހަކަށް އައިސް ބައެއް ފަރާތްތަކުން އިންތިކާބާބެހޭ ޤާނޫނާއި އެހެނިހެން ޤާނޫނުތަކާއި ޚިލާފަށް، އަދި ޑިމޮކްރަސީގެ އަސާސުތަކަށް ޖޮންޖެހުމަށް ޤާނޫނާއި ހިލާފު ބައެއް އަމަލުތައް ގަސްދުގައި ހިންގަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް އެފަދަ ފަރާތްތަކަށް ފުލުހުން ފުރުސަތު ނުދޭނެ ކަމަށާއި، އިންތިޚާބުގެ ތެރޭގައި އަދި ވޯޓު ލާއިރުވެސް ޤާނޫނުތަކާއި ގަވާއިދުތަކާއި މަގުމަތީގެ ގަވާއިދުތަކާ ޚިލާފަށް އެއްވެސް ކަމެއް ކުރުމުގެ ފުރުސަތު ނުދޭނެކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ ފުލުހުންނަކީ ޤާނޫނު ނަގަހަށްޓާ ދަމަހައްޓަން ތިބޭ ބައެއް ކަމަށާއި، ފުލުހުން ކުރާ ހުރިހާ ކަމެއްވެސް ކުރަނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އަދި ޤާނޫނީ އިމުން ބޭރުން ކޮންމެ ބަޔަކު ކަމެއް ކުރި ނަމަވެސް އެކަމެއް ހުއްޓުވާނެ ކަމަށާއި، ޤާނޫނު ނަގަހައްޓާ ދެމެހެއްޓުމުގައި ކުރަންޖެހުނު ކޮންމެ ކަމެއް ފުލުހުން ކުރަމުން ގެންދާނެ ކަމަށް ޝިފާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބާއި ދިމާކޮށް މާލެއާއި ރައްރަށުގައި ހަމަޖެހުން ނަގާލަން ފުރުސަތު ނުދޭނެ ކަމަށާއި އެގޮތުން ރިޔާސީ އިންތިޚާބު އަމާން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކާ އަންނަ ޖުލައިމަހުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުލުހުންގެ ޓީމުތައް ފޮނުވަން ފަށާނެ ކަމަށެވެ.

ޝިފާން ވިދާޅުވީ މާލޭގެ މަގުތަކުގައި ސިޔާސީ ޙަރަކާތްތައް ބާއްވާ މަގުމައްޗަށްވާ ގޮތަށް ހުންނަ ފާރުތަކުގައި ސިޔާސީ ޕާޓީތައް ތަމުސީލުވާ ފަދަ ފޮޓޯތަކާއި ޕޯސްޓަރުތައް ހަރުކޮށް ޕާޓީތައް ޕްރޮމޯޓް ކުރުމުގެ ހުއްދަ އެއްވެސް ގެއަކަށް އަދި އެއްވެސް މީހަކަށް ނުދެވޭނެ ކަމަށެވެ. ޝިފާން ވިދާޅުވީ ސިޔާސީ ވަކި ޕާޓީއަކުން ކުރިއަށް ގެންދާ ޙަރަކާތްތައް ފުލުހުން ނުހުއްޓުވާނެ ކަމަށާއި، ސިޔާސީ ވަކި ޕާޓީއަކުން ހިއްޕާ ޕޯސްޓަރެއްވެސް ފުލުހުން ނުނަގާނެ ކަމަށެވެ. އެކަމަކު ޤާނޫނީ އިމުން ބޭރުން ކުރާ ކޮންމެ ކަމެއް ފުލުހުން ހުއްޓުވާނެ ކަމަށާއި، ޤާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުމުގެ ފުރުޞަތު ހުރިހާ ސިޔާސީ ޕާޓީތަކަށް ހަމަހަމަ ކަމާއެކު ފުލުހުން ދެމުންދާނެ ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކުގެ ޖަގަހަތަކުގައި ޤާނޫނީ އިމުގެ ތެރެއިން ކުރާ އެއްވެސް ކަމެއް ފުލުހުން ހުއްޓުވާފައި ނުވާނެ ކަމަށް ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ ފަހަކަށް އައިސް ޚާއްޞަކޮށް 2008 ކުން ފެށިގެން މިހާތަނަށް ބޭއްވި އިންތިޚާބުތަކުގައި ފުލުހުން އަދާކޮށްފައިވާ ދައުރުގެ ފުރިހަމަކަމާއި ކޮށްފައިވާ މަސައްކަތްތަކަކީ ބައިނަލްއަގުވާމީ ފަރާތްތަކުން ބަލައިގެންފައިވާ އަގުހުރި މަސައްކަތްތަކެއް ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނާއި މޯލްޑިވްސް ޕޮލިސް ސާވިސްއާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އެ އެއްބަސްވުމުގެ ދަަށުން ރިޔާސީ އިންތިޚާބާއި ގުޅިގެން ކުރަންޖެހޭ ސަލާމަތީ އެނމެހާ ކަންކަން ފުލުހުން ކުރަމުން ގެންދާނެ ކަމަށެެވެ.

އަންނަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު އަމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކާ ހުރިހާ ފަރާތްތަކުންވެސް ގާނޫނީ އިމުގެ ތެރެއިން އަމަލުތައް ބެހެއްޓުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.