ޚަބަރު

ލ.މާވަށު ކަނޑުއޮޅީގައި ޖަހާފައިވާ ލައިޓް ނުވަ އަހަރަށްފަހު މަރާމާތުކޮށް ދިއްލައިފި



ނުވަ އަހަރަށްފަހު ލ.މާވަށު ކަނޑުއޮޅީގައި ޖަހާފައިވާ ލައިޓް މަރާމާތުކޮށް އާ ލައިޓެއް ސަރުކާރުން ހަރުކޮށްދީފިއެވެ.

2009 ވަނަ އަހަރުއްސުރެ ނުދިއްލި ހުރި މިބައްތި މަރާމާތުކޮށް އާ ލައިޓް ހަރުކުރުމުގެ މަސައްކަތް ކޮށްފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީއާ މާވަށު ކައުންސިލް އިދާރާ ގުޅިގެންނެވެ.
އަލަށް ހަރުކުރި ކަނޑު ބައްތިއަކީ 20 ފޫޓްގެ ބައްތިއެއް ކަމަށާއި ލައިޓް ހަރުކުރުމަށް ހަތްލައްކައަށްވުރެ ގިނަ ރުފިޔާ ޚަރަދުވި ކަމަށް މާވަށު ކައުންސިލުން ބުނެއެވެ.

މާވަށު ކައުންސިލްގެ ރައީސް އަޙުމަދު މޫސާ ވިދާޅުވީ، 2009 ވަނަ އަހަރުން ފެށިގެން ކަނޑު ބައްތި ނުދިއްލި ހުރުމުގެ ސަބަބުން، ބޮޑެތި ދަތިތަކެއް ދަތުރުކުރާ ފަރާތްތަކަށް ދިމާވަމުން އައި ކަމަށެވެ. ސަރުކާރާއެކު ކުރެވުނު މަސައްކަތުގެ ސަބަބުން ކަނޑުއޮޅީގައި ބައްތި ހަރުކުރެވުމުގެ ސަބަބުން މިހާރު ރަށުގެ ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ލ.މާވަށު ކައުންސިލުގެ ރައީސް ވިދާޅުވީ، މާވަށު ކަނޑުއޮޅީގައި ހަރުކުރި ކަނޑު ބައްތީގެ ސަބަބުން، ލ، އަތޮޅުގެ އިތުރުން ގއ، ގދ، އައްޑޫ އަތޮޅަށް ދަތުކުރާ ބޯޓުފަހަރުތަކަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. މީގެއިތުރުން ބޯޓު ފަރަށް އެރުން ފަދަ ޙާދިސާތަށް ހިނގުން މަދުވެގެންދާނެ ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. މާވަށަކީ ދެހާހަށްވުރެ ގިނަ މީހުންގެ އާބާދީއެއް ދިރިއުޅޭ ރަށެކެވެ.