ޚަބަރު

ރަސްމީ ރިޒާވް 788.8 މިލިއަން ޑޮލަރަށް އިތުރުވެއްޖެ


ދިވެހި ދައުލަތުގެ ރަސްމީ ރިޒާވް 788.8 މިލިއަން ޑޮލަރަށް އިތުރުވެ، 59 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭ އިން މަހަކު އެއްފަހަރު އާއްމުކުރަމުން އަންނަ ތަފާސް ހިސާބުތަކަށް ދައްކާ ގޮތުން މިދިޔަ އޭޕްރީލް މަސް ނިމުނުއިރު، ދައުލަތުގެ ރަސްމީ ރިޒާވް ވަނީ 788.8 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. އެހެން ކަމުން މަހުން މަހަށް ބަލާނަމަ އެއީ 59 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި އެއީ އަހަރުން އަހަރަށް ބަލާނަމަ، ނުވަ އިންސައްތައިގެ ކުރިއެރުމެކެވެ.

އެމްއެމްއޭ އިން މިދިޔަ ފެބްރުއަރީ މަހު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހު ރާއްޖޭގެ ރަސްމީ ރިޒާވްގައި ހުރީ 625.9 މިލިއަން ޑޮލަރެވެ. އެހެން ކަމުން އެ ހިސާބުތައް ދައްކާ ގޮތުން އަހަރުން އަހަރަށް ބަލާއިރު، 31 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާއިރު، މަހުން މަހަށް ބަލާއިރު އެއީ ހަތެއް އިންސައްތައިގެ އިތުރުވުމެކެވެ.

ރާއްޖޭގެ ރިޒާވް މަތިވެފައިވާއިރު، މި އަހަރަށް ސަރުކާރުން ބަޖެޓު ހުށަހަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވަނީ ރާއްޖޭގެ ރިޒާވް އެއްވަރެއްގައި ހިފެހެއްޓޭނެ ކަމަށް ވިދާޅުވެފައެވެ.

ފެބްރުއަރީ މަހު އާއްމުކުރި ތަފާސްހިސާބު ދައްކާ ގޮތުން، ބޭނުން ކުރަން ހުންނަ ރިޒާވް ޖެނުއަރީ މަހު ހުރީ 205.6 މިލިއަން ޑޮލަރުގައެވެ. އެއީ އަހަރުން އަހަރަށް ބަލާއިރު ދެ އިންސައްތައިގެ ކުރިއެރުމެއް ނަމަވެސް މަހުން މަހަށް ބަލާއިރު ފާހަގަކޮށްލެވޭ ވަރުގެ ބަދަލެއް ނާންނަ ކަމަށް އެމްއެމްއޭގެ ރިވިއުގައި ވަނީ ބުނެފައެވެ.

ބޭނުންކުރެވޭ ރިޒާވުން ދައްކައިދެނީ ޑޮލަރުން ކުރަން ޖެހޭ މުއާމަލާތްތަކަށް ވަގުތުން ވަގުތަށް ބޭނުންކުރަން ހުންނަ ފައިސާގެ އަދަދެވެ. އަދި އެމްއެމްއޭ އިން އޭޕްރީލް މަހުގެ ނިޔަލަށް ރިޒާވުގައި ހުރި އަދަދު އާއްމުކޮށްފައިވާއިރު، ބޭނުންކުރަން ހުންނަ ރިޒާވުގައި ހުރި އަދަދު އާއްމުކޮށްފައެއް ނުވެއެވެ.

އެމްއެމްއޭ އިން ކުރިން "އިކޮނޮމިކް ރިވިއު" ނެރެމުން އައި ނަމަވެސް ރިވިއު ނެރުން ހުއްޓާލުމަށްފަހު "އިގްތިސާދީ އުސްއަލި" ތަކުގެ ނަމުގައި މިހާރު އަންނަނީ ކުރު މައުލޫމާތު ތަކެއް ހިއްސާ ކުރަމުންނެވެ.