ކުޅިވަރު

ދެވަނަ ބުރަށް ދިޔައިރު ކޯޗު ރަތަށް!


ވަރލްޑް ކަޕުގެ ދެ ވަނަ ބުރަށް ދިޔަ ނަމަވެސް ބައިކޮޅަށްވަން ގޯލުތަކާމެދު ސްވިޒަލޭންޑް ޓީމުގެ ކޯޗު ވަލްޑަމީރް ޕެޓްކޮވިޗް ރުޅިއަތުވެއްޖެއެވެ.
އޭނާ ރުޅިއައީ ކޮސްޓަރިކާއާ ދެކޮޅަށް ކުޅެ ރޭ 2-2 ން އެއްވަރުވި މެޗުގައި ދެ ފަހަރު ނެގި ލީޑް ވެސް ގެއްލުމުންނެވެ.

"އަހަރުމެންގެ ފެންވަރު ދެނެގަންނަން ވަރަށް އުނދަގޫ. އަހަރުމެން މެޗު ކޮންޓްރޯލްކުރިން. އެކަމަކު އެތައް ބައިވަރު ކޮންމެ ވަން ޓު ވަނަ ސިޓުއޭޝަނެއް އިދިކޮޅު ޓީމަށް ތަނަވަސްވި. އޭގެ ތެރެއިން ގިނަ ފަހަރު އަހަރުމެން ކޮޅަށް ނުރައްކާވި،" ކޯޗު ބުންޏެވެ.

މިހެންވެ އޭނާ ބުނީ މުބާރާތުގެ ފުރަތަމަ މެޗުގައި ބްރެޒިލާ ވާދަކޮށް 1-1އިން އެއްވަރުވި މެޗުގައި ދެއްކި ކުޅުމާއި ރޭގެ މެޗުގެ ކުޅުން އަޅާ ބަލާއިރު ޓީމުގެ ފެންވަރާމެދު ސުވާލު އުފެދޭ ކަމަށެވެ.

"ކުރީ މެޗުތަކުގައި އަހަރުމެން އެޓޭކް ކުރާއިއިރު އެކަކު އަނެކަކު މޫވްކުރާގޮތް އެނގޭ. ވަރަށް އަންޑަސްޓޭންޑިން ރަނގަޅު. އެކަމަކު މި މެޗުގައި ފެނުނީ އެކަން ވެސް މުޅިން ތަފާތުކޮށް. އަހަރުމެންނަށް އެންމެ ރަނގަޅު އެޓޭކްތަކެއް ކުރެވިފައި ނެތް،" ކޯޗު ބުންޏެވެ.

ސްވިޒަލޭންޑް ވަނީ އެންމެ ފަހުން ކުޅުނު ހަތަރު ވަރލްޑް ކަޕުގެ ތެރެއިން ތިން މުބާރާތުގައި ދެ ވަނަ ބުރަށް ދަތުރުކޮށްފަ އެވެ. މިފަހަރު ދެ ވަނަ ބުރަށް މިދިޔައީ ބްރެޒިލްގެ ފަހަތުން ގްރޫޕުގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ.