ޚަބަރު

ޓްރަމްޕާއި ޕުޓިންގެ ސަމިޓު ބައްދަލުވުމެއް ބާއްވަން އެއްބަސްވެއްޖެ


އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސް ވަލްޑިމީރް ޕުޓިންގެ ސަމިޓް ބައްދަލުވުމެއް ބޭއްވުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ.

ޓްރަމްޕާއި ޕުޓިންގެ ސަމިޓް ބައްދަލުވުމެއް، ވަރަށް އަވަހަށް، ތިންވަނަ ޤައުމެއްގައި ބޭއްވުމަށް ދެ ޤައުމުން އެއްބަސްވެއްޖެކަމަށް، ރަޝިޔާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންގެ ޚާރިޖީ ކަންކަމާބެހޭ މުސްތަޝާރު ޔޫރީ އޮކަޝޯފް ވިދާޅުވިއެވެ. އެ ސަމިޓަށް ތައްޔާރުވުމަށް ހައެއްކަ ހަފުތާ ބޭނުންވާނެކަމަށް އޮކަޝޯފް ވިދާޅުވިއެވެ.

މިއީ، އެމެރިކާގެ ޤައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޯން ބޯލްޓަން މޮސްކޯއަށް ވަޑައިގެން ރަޝިޔާގެ އިސް މަސްއޫލުވެރިންނާ ބައްދަލުކުރައްވަމުން ގެންދަވާ ދަނޑިވަޅެކެވެ. ބޯލްޓަން ބައްދަލުކުރެއްވި ރަޝިޔާގެ އިސް މަސްއޫލުވެރިންގެ ތެރޭގައި ރައީސް ވްލަޑްމީރް ޕުޓިން އާއި ޚާރިޖީ ވަޒީރު ސަރްގެއި ލާވްރޯފް ހިމެނިވަޑައިގަންނަވައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރަޝިޔާގެ ރައީސް ވްލަޑްމީރު ޕުޓިންއާއެކު ސަމިޓް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވިކަމަށް މޭ މަހު ވިދާޅުވެފައެވެ.