ޚަބަރު

ހުޅުމީދޫގެ ވިޔަފާރިވެރިން ހޭލުންތެރިކުރުވުމަށް ޚާއްޞަ ޕްރޮގުރާމެއް ހިންގައިފި


އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން އިންތިޒާމުކޮށްގެން އެރަށުގެ ވިޔަފާރިވެރިން ހޭލުންތެރިކުރުވުމުގެ ގޮތުން ޕްރޮގްރާމެއް ހިންގައިފިއެވެ.

މިމަހުގެ 25 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ހުޅުމީދޫގައި ހިންގާ ހުރިހާ ފިހާރައަކަށް ފުލުހުން ޒިޔާރަތްކޮށް އެފަރާތްތަކަށް މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން ފައިސާގެ ވަގުނޫޓް ދެނެގަންނާނެ ގޮތް އޮޅުންފިލުވައިދީ، ފައިސާ ގެންގުޅުމުގައި ސަމާލުވާންޖެހޭ ކަންތައްތަކާއި ބެހޭ މަޢުލޫމާތު ފުލުހުން ހިއްސާކޮށްފައިވެއެވެ. އަދި ފިހާރަތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށާއި ފިހާރަ ބަންދުކުރާއިރު ފިހާރައިގައި ފައިސާ ނުބެހެއްޓުމަށާއި، ފިހާރަ ރަނގަޅަށް ތަޅުލެވުނުތޯ ޔަޤީންކުރުމަށް އިރުޝާދު ދީފައިވާކަމަށް ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ބުނެއެެވެ.

މީގެއިތުރުން އެކައުންޓާއި ކޭޝްކާރޑުގައިވާ މަޢުލޫމާތު ހޯދަމުންދާ މައްސަލަތަކާއި ގުޅޭގޮތުންނާއި، އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން އުޅަނދު ޕާރކުކުރުމުގައި ފައިމަގުގައި އުޅޭމީހުންނަށް އުނދަގޫ ނުވާނެފަދަ ގޮތަކަށް މަގުގެ އެއްފަރާތެއްގައި ޕާރކުކުރުމުގެ އިތުރަށް، އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމާއި ގުޅޭގޮތުން މި ޕްރޮގުރާމްގައި މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ.

މުޖްތަމައުތެރޭގައި ޢާންމުން ކުށް ކުރަމުންދާ މިންވަރު މަދު ކުރުމަށް ބާރުއެޅުމުގެ ގޮތުންނާއި، ވިޔަފާރިވެރިން ހޭލުންތެރި ކުރުވުމުގެ ގޮތުން އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން މިފަދަ ސިލްސިލާ ޕްރޮގްރާމްތަކެއް ހިންގައެވެ.