ޚަބަރު

ރަޝިޔާއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރު ކަމަށް މުންދު އައްޔަންކުރަން ފާސްކޮށްފި


ދިވެހިރާއްޖެ އިން ރަޝިޔާއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރު ކަމަށް މުޙައްމަދު ޙުސެއިން ޝަރީފު (މުންދު) އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މުޙައްމަދު ޙުސެއިން ޝަރީފު އެ މަޤާމަށް އައްޔަންކުރަން ފާސްކުރީ މިއަދު މެންދުރު ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި 36 މެންބަރުންގެ އިއްތިފާގުންނެވެ. މި ޖަލްސާގައި އިދިކޮޅު އެއްވެސް މެންބަރަކު ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

ރާއްޖެއިން ރަޝިޔާއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރަކަށް މުންދު ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށެހެޅީ މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މިޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ފުަރަތަމަ ޖަލްސާގައެވެ. އެޖަލްސާގައި މަޖިލީހުންވަނީ އޭނާގެ ނަން ދިރާސާކުރުމަށް ޤައުމީ ސަލާމަތުގެ ކޮމެޓީއަށް ފޮނުއްވާފައެވެ. އެ ކޮމެޓީންވަނީ އޭނާއަށް ރުހުން ދިނުމަށް ނިންމާފައެވެ.

ރަޝިޔާއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރު ކަމަށް އައްޔަން ކުރަން ނިންމެވި މުންދު މިވަގުތު ހުންނެވީ ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރުގެ މަޤާމުގައެވެ. އަދި ރަޝިޔާއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރަކަށް މުންދު އައްޔަން ކުރެއްވި ނަމަވެސް ލަންކާގެ ސަފީރުކަމުގެ މަޤާމުގައި މުންދު ދެމި ހުންނަވާނެއެވެ.

ޑިޕްލޮމަސީގެ ދާއިރާ އިން މާސްޓާސް ހާސިލް ކުރައްވާފައިވާ މުންދު ވަނީ ރައީސް އޮފީހުގެ މިނިސްޓަރު ކަމުގެ މަޤާމް ފުރުއްވާފައެވެ. އަދި އޭގެ ފަހުން ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރުކަމުގެ މަޤާމުވެސް އޭނާވަނީ އަދާކުރައްވާފައެވެ.