ޚަބަރު

ދުނިޔޭގެ މަޝްހޫރު ލީޑަރޝިޕް ކޮންސަލްޓަންޓް ޑރ. މައިކަލް ބްރެނަރގެ ސެމިނަރގައި ބައިވެރިވުުގެ ފުރުޞަތު


ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ލީޑަރޝިޕް ކޮންސަލްޓެންޓް، ޑރ.މައިކަލް ބްރެނަރ ބައިވެވަޑައިންނަވާ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުޞަތު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯ އިން އާންމުކޮށް ހުޅުވާލައިފިއެވެ.

"ބިކަމިންގް އެން އިންފްލުއެންޝަލް ލީޑަރ" ގެ ނަމުގައި ބާއްވާ މި ސެމިނަރ އޮންނާނީ އަންނަ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ.
މި ސެމިނަރ ބާއްވަނީ އެގްޒެކެޓިވް ފެންވަރުގެ ބޭފުޅުންނަށާއި އެކި ކުންފުނިތަކުގެ މެނޭޖްމެންޓާއި އެހެނިހެން އިސް މަޤާމުތައް ފުރުއްވަމުންގެންދަވާ ބޭފުޅުންނަށް ޢަމާޒުކޮށްގެންނެވެ. މި ސެމިނަރގައި ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ސެމިނަރ އަށް އެދޭ ފޯރމް ފުރުމަށްފަހު މަޓާޓޯ އިން މިކަމަށް ޚާއްޞަކޮށްފައިވާ އީމެއިލަށް ހުށަހެޅުމުގެ ފުރުޞަތު މަޓާޓޯއިން ވަނީ ހުޅުވާލާފައެވެ.

މަޓާޓޯ މޯލްޑިވްސް ގެ މެންބަރުން މި ސެމިނަރ ގައި ބައިވެރިވުމަށް 150 އެމެރިކާ ޑޮލަރު ދައްކަންޖެހޭ އިރު، އެ ޖަމްޢިއްޔާގެ މެންބަރުން ނޫން އެހެން ފަރާތްތަކަށް މި ސެމިނަރގައި ބައިވެރިވުމަށް 175 އެމެރިކާ ޑޮލަރު ދައްކަން ޖެހެއެވެ. އަދި ކޯޕަރޭޓް ޑިސްކައުންޓް ގެ ގޮތުގައި ވެސް ވަރަށް ޚާއްޞަ ޑިސްކައުންޓްތަކެއް މި ސެމިނަރ ގައި ކުންފުނިތަކަށް ޚާއްޞަކޮށްފައިވެއެވެ. މި ގޮތުން 3 ބޭފުޅުންނަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވާނަމަ 5 ޕަސެންޓް ގެ ޑިސްކައުންޓް، 5 ބައިވެރިންނަށްވުރެ ގިނަ ނަމަ 7.5 ޕަސެންޓް ގެ ޑިސްކައުންޓް އަދި 10 އަކަށް ވުރެ ގިނަ ޢަދަދެއްގެ ބައިވެރިން ބައިވެރިވާނަމަ 10 ޕަސެންޓް ގެ ޑިސްކައުންޓެއް ލިބޭނެކަމަށް މަޓާޓޯއިން ބުނެއެވެ.

މި ސެމިނަރ ގައި ބައިވެރިވުމުގެ ފުރުޞަތު 50 ފަރާތަކަށް ހުޅުވާލާފައިވާއިރު، އެންމެ ކުރިން ފޯމު ހުށަހަޅާ ފަރާތްތަކަށް އިސްކަންދޭނެކަމަށް މަޓާޓޯ އިން ބުނެއެވެ. އަދި ރެޖިސްޓްރޭޝަން ކަށަވަރުވާނީ ފައިސާ ދެއްކުމުންކަމަށްވެސް މަޓާޓޯ އިން މަޢުލޫމާތުދެއެވެ. މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ސެމިނަރ ގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު އޮންނާނެކަމަށް މަޓާޓޯއިން ބުނެއެވެ.

ޑރ.މައިކަލް ވައި ބްރެނަރ އަކީ ދުނިޔޭގެ މަޝްހޫރު ލީޑަރ ޝިޕް ކޯޗެއްގެ އިތުރުން މޮޅު ލިޔުންތެރިއެއްގެ އިތުރުން، ޕްރޮފެޝަނަލް ކެރިއަރ ކޮންސަލްޓަންޓެކެވެ. މީގެ ކުރިންވެސް މަޓާޓޯ އިންވަނީ އިންސާނީ ވަޞީލަތް ތަރައްޤީކުުމުގެ މިފަދަ ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައެވެ.