ޚަބަރު

ރިޔާސީ އިންތިހާބުގައި 477 ވޯޓް ފޮށި ބަހައްޓާނެ، ރާއްޖެއިން ބޭރުގައި 12 ފޮށި


އަންނަ ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް 477 ވޯޓް ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގައިވެސް ވޯޓް ފޮށި ބެހެއްޓުމަށް ނިންމައިވާކަމަށެވެ.

ވޯޓް ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާގޮތް

  • ޖުމްލަ ވޯޓް ފޮށީގެ އަދަދު 477
  • މާލެއާއި ދަފްތަރު މީހުން ވޯޓްލުމަށް ބަހައްޓާ ފޮށީގެ އަދަދު 54
  • މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށް މާލޭގައި ބަހައްޓާ ވޯޓް ފޮށީގެ އަދަދު 74
  • ރިސޯޓްތަކުގައި ބަހައްޓާ ފޮށީގެ އަދަދު 24
  • ޖަލުގައި ބަހައްޓާ ފޮށީގެ އަދަދު 4
  • ސިނާއީ މަސައްކަތް ކުރާ ތަންތާ ބަހައްޓާ ފޮށީގެ އަދަދު 7
  • ރާއްޖެއިން ބޭރުގައި ބަހައްޓާ ފޮށީގެ އަދު 12
  • އަތޮޅޫތަކުގައި ބަހައްޓާ ފޮށީގެ އަދަދު 302


އީސީގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ރާއްޖެއިން ބޭރުގައި ވޯޓް ފޮށި ބަަހައްޓާ ތަންތަން ބެލުމަށް އެކޮމިޝަންގެ އޮފިޝަލުން ފުރާފައިވާކަމަށެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްކުރަމުންދާ އިދާރީ މަސައްކަތުގެ 85 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ.

ރިޔާސީ އިންތިހާބާއި ގުޅިގެން އިއުލާންކޮށްފައިވާ ތާރީހުތަކަށް ބަދަލެއް ނާންނާނެކަމަށާއި އެހެންނަމަވެސް އިންތިޚާބަށް ކުރިމަތިލާން ހުޅުވާލަން ނިންމާފައިވާ ތާރީޚަށް ބަދަލު އައުން އެކަށީގެންވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އަދި އެ ބަދަލު ގެންނަނީ ވީހާވެސް ގިނަ ފަރާތަކަށް އިންތިހާބުގައި ކުރިމަތިލުމުގެ ފުރުސަތު ފަހިކޮށްދިނުމަށްވެސް ޝަރީފު ވިދާޅުވިއެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ ވޯޓް ފޮށީގެ އަދަދު މުޅިން ފައިނަލް ވާނީ ރީރެޖިސްޓްރޭޝަނަށް ހުޅުވާލުމުން ރެޖިސްޓްރީ ކުރެވޭ އަދަދަށް ބެލުމަށްފަހުކަމަށެވެ. ރީރެޖިސްޓްރޭޝަނަށް އަންނަ މަހުގެ 17 ވަނަދުވަހު ހުޅުވާލާއިރު ރީރެޖިސްޓްރޭޝަނަށް ދިނުމަށް ހަމަޖެހިފައިވަނީ 24 ދުވަހެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ހަތަރުހާހަށްވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވާނެކަމަށާއި، އޮފިޝަލުންގެ ގޮތުގައި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ އެއްވެސް ފަރާތެއް ބައިވެރިނުކުރެވޭނެކަމަށެވެ. ވޯޓްލުމަށް މަގުފަހިކުރުމަށްޓަކައި އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު ކޮންމެ ފޮއްޓަކަށްވެސް ބުކްލެޓެއް ތައްޔާރުކުރެވިފައިވާނެކަމަށާއި، މި ބުކްލެޓް ވޯޓްލާ މަރުކަޒުތަކުގެ އިތުރުން ކޮންމެ ސިޔާސީ ޕާޓީއަކަށްވެސް ފޯރުކޮށްދެއްވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
އަންނަ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 23 ވާ އާދިއްތަދުވަހު އެވެ.