ޚަބަރު

އައްޑޫސިޓީގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ދެ މީހުންގެ ހާލު ސީރިއަސް


އައްޑޫސިޓީ ފޭދޫ ބޮޑުމަގުގައި ދެ ސައިކަލެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެ މީހެއްގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ. ރޭ ދަންވަރު 1:10 ހާއިރު ހިނގި މި އެކްސިޑެންޓްގައި އަނިޔާވުމުގެ ސަބަބުން ފަރުވާދެމުން ގެންދަނީ އުމުރުން 26 އަހަރާއި 35 އަހަރުގެ ދެ ފިރިހެނުންނަށެވެ.

އެކްސިޑެންޓްގައި އަނިޔާވި ދެ މީހުންނަށް ފޭދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށްވަނީ ގެންގޮސްފައެވެ. މީގެތެރެއިން އުމުރުން 26 އަހަރުގެ މީހާއަށް އޮތީ ވެންޓިލޭޓަރގައިމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ސީނިއާ ކޮމިއުނިޓީ އޮފިސަރ މުހައްމަދް ނަޖީބް ވިދާޅުވިއެވެ. މި ދެމީހުންގެ ބޮލަށް ގެއްލުން ލިބިފައިވާކަމަށާއި ދެ މީހުންގެ ހާލުވެސް ސީރިއަސްކަމަށްވެސް ނަޖީބު ވިދާޅުވިއެވެ. އަދި މި ދެމީހުން އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް ނަޖީބު ވިދާޅުވިއެވެ.