ކުޅިވަރު

ރެކޯޑަށްފަހު މިސުރު ކީޕަރު މައާފަށް އެދިއްޖެ


ވަރލްޑް ކަޕުގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑް މުގުރާލުމަށްފަހު މިސުރުގެ ކީޕަރު އީސަމް އަލް ހަދަރީ މައާފަށް އެދިއްޖެއެވެ.

އުމުރުން 45 އަހަރުގައި ވަރލްޑް ކަޕުގައި ކުޅެން އޭނާ ނުކުތީ ސައުދީ އަރަބިއާ އަތުން 2-1 ން މިސުރު ބަލިވި މެޗުގައެވެ. އެމެޗުގައި ހަދަރީ ވަނީ ސައުދީ އަރަބިއާއަށް ލިބުނު ދެ ޕެނަލްޓީގެ ތެރެއިން ފުރަތަމަ ޕެނަލްޓީ ދިފާއުކޮށްފައެވެ.
ނަމަވެސް މިއީ 1994 ވަނަ އަހަރުގެ ފަހުން ސައޫދީ ވޯލްޑް ކަޕުގައި މޮޅުވި ފުރަތަމަ މެޗެވެ. އަދި މިއާއެކު މިސުރު 27 އަހަރަށް ފަހު ވަރލްޑް ކަޕުގައި ކުޅުނު ފުރަތަމަ ފަހަރު ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ.

"އަހަރެން މައާފަށް އެދެން. ތިން މެޗުން ވެސް ބަލިވީމަ. އަހަރުމެން ވަރަށް މަސައްކަތް ކުރިން. ނަސީބު ނެތިގެން އަހަރުމެން ބަލިވީ،" ހަދަރީ ބުންޏެވެ.

ކޯޗު ހެކްޓަ ކޫޕާ ބުނީ ދުވަސްވީ ކީޕަރަކު މެޗަށް އެރުވުމަކީ މައްސަލައެއްނޫން ކަމަށާއި، ބަލިވީ ހަދަރީގެ ސަބަބުން ނޫން ކަމަށެވެ.

"އޭނާ އަކީ މި މެޗުގައި ކުޅެން އެންމެ އެކަށީގެންވާ ކުޅުންތެރިޔާ. އޭނާ މޮޅަށް ކުޅުނު. ވަދެފައިވާ ގޯލުތަކުގައި ކީޕަރަކު ކުރާނެ އެއްވެސް ކަމެއްނެތް،" ރޭގެ މެޗަށް ނުކުތްއިރު ވެސް މުބާރާތުން ކަޓާފައިވާ ޓީމުގެ ކޯޗު ބުންޏެވެ.

ސައޫދީ އަރަބިއާ އަތުން މިސުރު ބަލިވިތާ މާގިނައިރެއްނުވެ މިސުރުގެ ކުރީގެ ކޯޗު އަދި ކުޅުންތެރިޔާ އަބުއްރާހިމް މުހައްމަދު ވަނީ މަރުވެފަ އެވެ. މިސުރުގެ ޒަމާލިކް ކުރީގެ ކޯޗު މަރުވީ ވަރލްޑް ކަޕް މެޗަށް އެނަލައިޒް ކޮށްދިނުމަށްފަހު މިސުރުގެ ގައުމީ ޓީވީ ސްޓޭޝަން ހުންނަ އިމާރާތުގެ ތެރޭގައި ހުއްޓައި ހާލު ބޮޑުވެގެން ހޮސްޕިޓަލަކަށް ގެންދަނިކޮށެވެ. ރިޕޯރޓްތައް ބުނާގޮތުން އޭނާގެ ހާލު ގޯސްވީ ސައުދީން ފަހު ލަނޑު ޖެހުމާއެކުގަ އެވެ.
މިސުރުގެ އެންމެ މޮޅު ކުޅުންތެރިޔާ މުހައްމަދު ސަލާހް ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން އުޅޭވާހަކަހަރަދީ ވެސް ދޮގުކޮށްފަ އެވެ. އޭނާ ބުނީ ސަލާހް ހުރީ ހިތްހަމަޖެހިގެން ކަމަށެވެ.