ކުޅިވަރު

އޮސްޓްރޭލިޔާ މުޙިއްމު މެޗަކަށް، ޕެރޫއަށް މުޙިއްމުކަމެއް ނެތް!


ގްރޫޕް ސީން ދެވަނަ ބުރުގެ ޖާގައެއް ހޯދަން މިރޭ ޕެރޫ އާއި ދެކޮޅަށް ނިކުންނަ އޮސްޓްރޭލިއާ ޓީމުގެ ވިސްނުން ހުރީ ޕެރޫ މެޗަށް ކަމަށް ކޯޗު ބަރޓް ވެން މެރްވިކް ބުނެފިއެވެ.

މިހާރުވެސް ދެވަނަ ބުރަށް ކޮލިފައިވެފައިވާ ފްރާންސްގެ އެހީތެރިކަން ބޭނުންވެފައިވާ އޮސްޓްރޭލިއާ ޓީމަށް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ލިބެން އޮތީ އެޓީމް ކުޅޭ މެޗު ކާމިޔާބުކޮށް، ޑެންމާކާއި ބައްދަލުކުރާ މެޗުން ފްރާންސް ކުރި ހޯދައިގެންނެވެ.
މިހާރުވެސް މުބާރާތުން ކަޓާފައިވާ ޕެރޫ ޓީމާ ބައްދަލުކުރާ މެޗުގެ ކުރިން މެރްވިކް ބުނީ ފްރާންސަކީ ދުނިޔޭގެ މޮޅު ޓީމެއް ކަމަށާއި، އެކަން އެޓީމުން ދައްކަން ބޭނުންވާނެ ކަމަށެވެ.

"ފްރާންސް އަކީ ދުނިޔޭގެ ވަރުގަދަ ބާރެއް. އެހެންވެ އަހަރެންނަށް ހީވަނީ އެޓީމުން އެކަން މުޅި ދުނިޔެއަށް ދައްކުވައިދޭން ބޭނުންވާނެހެން.
އެހެންނަމަވެސް އަހަރެންނަކަށް އެމެޗަކަށް ބާރެއް ނުފޯރުވޭނެ. އަހަންނަށް ބާރު ފޯރޭނީ އޮސްޓްރޭލިއާ ކުޅޭ މެޗަށް." އޮސްޓްރޭލިޔާގެ ކޯޗު ބުންޏެވެ.

އޮސްޓްރޭލިއާގެ ގޯލްކީޕަރު މެތިއޫ ރަޔާން ބުނީ އޭނާގެ ވިސްނުންހުރީ ޕެރޫ އާއި ބައްދަލުކުރާ މެޗުން ރަނގަޅު ނަތީޖާއެއް ނެރެން ކަމަށެވެ. އަދި ޕެރޫ މެޗުން މޮޅެއް ނުހޯދި ފްރާންސާއި ޑެންމާކް ބައްދަލުކުރާ މެޗާ މެދު ވިސްނުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.

ޕެރޫ ޓީމުގެ ކޯޗު ރިކާޑޯ ގަރެޗަ ބުނީ ޕެރޫ މުބާރާތަށް އައީ ލަނޑުދަނޑިތަކެއް ކަނޑައަޅައިގެން ކަމަށާއި އެކަން ހާސިލް ނުވުމުން ދެރަވާ ކަމަށެވެ. އަދި ޓީމު މުބާރާތުން ވަކިވާން ޖެހުނީ ކިހިނެއްވެގެންތޯ ބަލާނެ ކަމަށާއި، މިކަމުން ލިބުނު ފިލާވަޅަކީ ޕެރޫ އިތުރަށް ކުރިއަރަން ކުރަންޖެހޭ މަސައްކަތް އެނގިގެން ދިއުން ކަމަށެވެ.
ވަރލްޑް ކަޕްގައި ޕެރޫ ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފައެވެ. ޕެރޫއާއި ޑެންމާކް ވާދަކުރާ މެޗު ފަށާނީ މިރޭ 7 ޖަހާއިރުއެވެ.