ޚަބަރު

މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުގެ އެކަޑެމިކް އެކްސްޕޯ ފަށައިފި


މޯލްޑިވްސް މީޑިޔާ އިންސްޓިޓިއުޓްއާއި މެލޭޝިޔާގެ ލިމްކޮކްވިންގް ޔުނިވަރސިޓީއާއި ގުޅިގެން ބާއްވާ އެޑިއުކޭޝަން އެކްސްޕޯ ފަށައިފިއެވެ. މި އެކްސްޕޯ ރަސްމީކޮށް ފައްޓަވައި ދެއްވީ ވިޔަފާރިއާއި އިގްތިޞާދާއި ބެހޭ ވަޒީރު މުހައްމަދު ސަޢީދެވެ.

މޯލްޑިވްސް މީޑިޔާ އިންސްޓިޓިއުޓްއާއި މެލޭޝިޔާގެ ލިމްކޮކްވިންގް ޔުނިވަރސިޓީ ގުޅިގެން ބާއްވާ އެޑިއުކޭޝަން އެކްސްޕޯ ފެށުމަށް ދިވެހިރާއްޖޭ އަޑުގައި ބޭއްވި ޚަފްލާގައި ވާހަކަ ދައްކަވަމުން ޕީއެސްއެމްގެ ޑިރެކްޓަރ އީ ކޮމަރސް އެންޑް މާކެޓިންގ އިބްރާހިމް ނަސްރީން ވިދާޅުވީ އެމްއެމްއައިގެ މަގުޞަދަކަށް ވާނީ ހަމައެކަނި މީޑިއާއިން މީހުން ތަމްރީން ކުރުންނޫން ކަމަށާއި، އުފެއްދުންތެރި ދާއިރާތަކުން މީހުން ތަމްރީންކޮށް މުޅި ގައުމުގައި އުފެއްދުންތެރި ޒުވާނުންތަކެއް ތަމްރީން ކުރުން ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީއަށް އަންނަ ބޮޑެތިބަދަލުތަކާއި އުފެއްދުންތެރިކަމަށް އަންނަ ކުރިއެރުމާއި އެއްކޮށް ރާއްޖޭގެ ހުރިހާ ސިނާއަތްތަކަށް ކޭޓަރ ކުރުމަށް ހުނަރުހުރި މީހުން އުފެއްދުން ކަމަށެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ލިމްކޮކްވިންގް ޔުނިވަރސިޓީގެ ރީޖަނަލް މެނޭޖަރ ރެޕްރެޒެންޓޭޓިވް ސައުތް އޭޝިއާ ފްރޮމް އިންޓަރ ނޭޝަނަލް ޑިވްލޮޕްމަންޓް ޝަޔާ މިޓްސައި ވިދާޅުވީ ލިމްކޮކްވިންގް ޔުނިވަރސިޓީއާއި ގުޅިގެން ރާއްޖޭގައި ތަމްރީން ޕްރޮގްރާމްތަކެއް ފެށިގެން ދިއުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށާއި، ޚާއްޞަކޮށް އެ ޔުނިވާސިޓީގެ ކޯސްތަކާއި ތަމްރީން ޕްރޮގްރާމްތައް ރާއްޖެއަށް ތައާރަފް ކުރުމުގައި ޕަބްލިކް ސާވިސްމީޑިއާއިން އިސްނެގުމަކީ އިތުރު ފުރިހަމަކަމެއް ލިބިގެންދާ ކަމެއް ކަމަށެވެ. އެހެން ކަމުން އޭނާ ވަނީ ދެ ދުވަހުގެ މުއްދަތައް ކުރިއަށްދާ އެކްސްޕޯއަށް ވަޑައިގެން މެލޭޝިޔާގެ ލިމްކޮކްވިންގް ޔުނިވަރސިޓީގެ މަޢުލޫމާތު އޮޅުން ފިލުވުމަށްފަހު، އެ ޔުނިވާސިޓީން ކުރިއަށް ދެވެން ހުރި ދާއިރާތަކުން ކުރިއަށް ދިއުމުގެ ދައުވަތު ދެއްވާފައެވެ.

މި އެކްސްޕޯއާއި ގުޅޭ މަޢުލޫމާތު ދެއްވަމުން އެމްއެއްއައިގެ ޑިރެކްޓަރ މުޙައްމަދު ޖިނާހު ވިދާޅުވީ އެކްސްޕޯގެ ތެރެއިން ކްރިއޭޓިވް އިންޑަސްޓްރީއާއި ގުޅުންހުރި ގިނަ މަޢުލޫމާތުތަކެއް ލިބިގެންދާނެ ކަމަށާއި، އެފަރާތުން މައިގަނޑު ގޮތެއްގައި މީޑިއާ އާއި ގުޅުން ހުރި ކޯސްތައް ކުރިއަށް ގެންދިޔަ ނަމަވެސް ކްރިއޭޓިވް އިންޑަސްޓްރީއަށް ބޭނުންވާ އެކިއެކި ދާއިރާތަކުގެ ކޯސްތައްވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ހަޔަރ އެޑިއުކޭޝަން ދާއިރާއިން ޑިޕްލޮމާ ފެންވަރުގެ ހަތަރު ކޯހެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށާއި، އޭގެ ތެރޭގައި ފިލްމް އެންޑް ޓެލެވިޒަންއާއި، ބްރޯޑްކާސްޓިންގ ރޭޑިއޯޢާޢި ޓީވީ އަދި އެނިމޭޝަންއާއި ސައުންޑް އެންޑް މިއުޒިކް ހިމެނޭ ކަމަށް ޖިނާހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިއީ ރާއްޖެއަށް މުޅިން އައު ނަމަވެސް ރާއްޖޭގައި ޕޮޓެންޝަލް ހުރި ދާއިރާތައް ކަމަށާއި އެފަރާތުގެ މަޤްޞަދަކީ ޒުވާނުން މިފަދަ ދާއިރާތަކަށް އަހުލުވެރި ކުރުވުމާއެކު ޒުވާނުންނަށް މާލީ މަންފާއެއް އަދި އާންމުދަނީއެއް ލިބިދާނެ ދާއިރާތަކުން ތަމްރީން ކުރުން ކަމަށެވެ. މީގެ އިތުރުންވެސް ލިމްކޮކްގެ ޓިވެޓް ޕްރޮގްރާމްތައްވެސް އެމްއެމްއައިގައި ކުރިއަށް ދާނެ ކަމަށާއި، އެގޮތުން ފިލްމް އެންޑް ޓެލެވިޒަންގެ ދާއިރާއިން ޑިޕްލޮމާ ޕްރޮގްރާމަކާއި އެޑްވާންސް ސެޓްފިކެޓް ޕްރޮގްރާމެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެމްއައި އިން ހިންގާ ކޯސްތަކާއި ބޭރުގެ ޔުނިވަރސިޓީތަކާ ގުޅިގެން އެ އިންސްޓިޓިއުޓުގައި ހިންގާ އެކި ލެވެލްތަކުގެ ކޯސްތަކުގެ މަޢުލޫމާތު ލިބިގެންދާނެއެވެ. އަދި މި އެކްސްޕޯގެ ޒަރިއްޔާއިން މީޑިއާއާ ގުޅުންހުރި ދާއިރާތަކުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

މި އެކްސްޕޯގައި މެލޭޝިޔާގެ ލިމްކޮކްވިންގް ޔުނިވަރސިޓީގެ މުވައްޒަފުންނާއި ބައްދަލުކޮށް އެމްއެމްއައިގައި ހިންގާ އެ ޔުނިވަރސިޓީގެ ކޯސްތަކާ ގުޅޭ މަޢުލޫމާތު ހޯދުމުގެ ފުރުޞަތުވެސް ވަނީ ފަހިވެފައިއެވެ. އެމްއެމްއިން އަލަށްފަށާ ކޯސްތަކުގެ މަޢުލޫމާތާއި، ކޯސްތަކަށް އެޕްލައިކުރުމުގެ ފުރުޞަތުވެސް އެކްސްޕޯގައި ފަހިކޮށްފައިވާއިރު، އެމްއެމްއައިއިން ހިންގާ ކޯސްތަކުގެ ތެރޭގައި ހިމެނޭ ހެއަރ ޑްރެސިންގއާއި، ޑްރެސްމޭކިންގއާއި، ސައޮންޑް އެންޑް މިއުޒިކާއި ވީޑިއޯ ގްރަފީ އަމަލީގޮތުން ތަޖުރިބާކޮށްލުމުގެ ފުރުޞަތުވެސް ވަނީ ފަހިކޮށްފައިއެވެ.

މި އެކްސްޕޯ ކުރިއަށްދަނީ މިއަދާއި މާދަމާގެ ހަވީރު ހަތަރަކުން ރޭގަނޑު ދިހަގަޑި ތިރީހަށް ރޭޑިއޯ ބިލްޑިންގްގައެވެ. ކާނިވަލްއެއްގޮތަށް ކުރިއަށްދާ މި އެކްސްޕޯގައި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، ލަވަޔާއި، ހެދުމުގެ ޑިޒައިންތައް ދައްކާލުންވެސް ކުރިއަށްދާނެއެވެ.