ޚަބަރު

ކާޑުގެ ބާވަތްތަކުގެ ކޯޓާ ދަށްކުރިނަމަވެސް ކާބޯތަކެތި އެއްވެސް ދައްޗެއްނެތި ލިބޭނެ - އިކޮނޮމިކް މިނިސްޓްރީން


އިންޑިޔާއިން ކާޑުގެ ބައެއް ބާވަތްތަކުގެ ކޯޓާ ދަށްކުރިނަމަވެސް ކާބޯތަކެތި އެއްވެސް ދައްޗެއްނެތި ލިބޭނެކަމުގެ ޔަޤީންކަން އެ ޤައުމުން ދީފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެހެން އަހަރުތަކޭ އެއްގޮތަށް މިއަހަރުވެސް އިންޑިޔާއިން ރާއްޖެއަށް ކޯޓާ ހަމަޖައްސައި ދީފައިވާކަމަށެވެ. އަދި ދިވެހިންނަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި އެ ނޫންވެސް މުހިންމު ކާބޯތަކެތީގެ ބާވަތްތައް އެއްވެސް ދައްޗެއް ނެތި ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމުގެ ޔަޤީންކަން އިންޑިޔާ ސަރުކާރުން ދީފައިވާކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ވަނީ އިންޑިއާއިން ރާއްޖެއަށް ދޭ ކޯޓާ އާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ހަޤީޤަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށްވެސް އިލްތިމާސްކޮށްފައެވެ.

މީގެ ކުރިން އެސްޓީއޯއިންވެސް ވަނީ އިންޑިއާއިން ދިވެހި ރާއްޖެއަށް އެތެރެކުރާ ކާޑާއި، ކާބޯތަކެތީގެ ބާވަތްތައް އެތެރެކުރާ ކޯޓާ ދަށްކުރި ނަމަވެސް އެކަމުގެ ނޭދެވޭ އަސަރުނުކުރާނެކަމަށް ބުނެފައެވެ.

އިންޑިއާއިން މިދިޔަ އަހަރު 59442.17 މެޓްރިކް ޓަނުގެ ފުށާއި، 11706.30 މެޓްރިކް ޓަނުގެ ހަކުރު ދިވެހި ރާއްޖެއަށް އެކްސްޕޯޓު ކުރުމަށް ކަނޑައަޅާފައިވާއިރު، މިއަހަރަށް ކަނޑައަޅާފައިވަނީ 946.21 މެޓްރިކް ޓަނުގެ ފުށާއި، 338.47 މެޓްރިކް ޓަނުގެ ހަކުރުކަން ފާހަގަ ކޮށްލެވެއެވެ.

މީގެ އިތުރުން ފިޔާ ބިސް އަދި މުގުގެ ބާވަތްތަކުންވެސް މިދިޔަ އަހަރާއި އަޅާބަލާއިރު ދެ ބައިކުޅަ އެއްބައި، އަދި ބައެއް ބާވަތުން އެއަށް ވުރެވެސް ބޮޑު ޢަދަދެއް 2018 ވަނަ އަހަރާއި 2019 ވަނަ އަހަރަށް ކަނޑައަޅާފައިވާ ކޯޓާއިން ވަނީ މަދުކޮށްފައެވެ.