ޚަބަރު

ދިވެހި ދަރިވަރުންނަށް ޕިލިޕީންސްއިން ކިޔެވުމުގެ ފުރުސަތު ލިބޭ އެއްބަސްވުމެއްގައި އެޑިއުކޭޝަނުން ސޮއިކޮށްފި


ފާއިތުވި 4 އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން 10،000 ޒުވާނުންނަށް މަތީތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދީފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދިވެހި ދަރިވަރުންނަށް ފިލިޕީންސްގައި ސިއްޙީ ދާއިރާއިން ތަމްރީނުވުމުގެ ފުރުޞަތު ފަހިކޮށްދިނުމާބެހޭ ގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ޕިލިޕީންސްގެ އެމީލިއޯ އެގްއިނާލްޑޯ ކޮލެޖާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އައިޝަތު ޝިހާމެވެ. އަދި އެމީލިއޯ އެގްއިނާލްޑޯ ކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ ކޮލެޖްގެ ރައީސް ޑރ. ޖޯސްއީ ކެންޕޯސްއެވެ.

މި އެއްބަސްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، މިވެވުނު އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ދަރިވަރުންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށެވެ. އަދި 2013 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން މިހާހިސާބަށް، ދިވެހި ދަރިވަރުންނަށް 10،000 ހަށްވުރެ ގިނަ ސްކޮލަރޝިޕްގެ ފުރުޞަތު ފަހިކޮށްދީފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"މިއަދު މި އެއްބަސްވެވިގެންދާ އެއްބަސްވުމުގެ ތެރޭގައިވެސް ރާއްޖޭގެ ޒުވާނުންނަށް މާތްﷲ ގެ ވާގިފުޅުން އިތުރު ފުރުސަތުތަކެއް ލިބިގެންދާނެ. އަދި ރާއްޖެގެ ތަރައްޤީއަށް އަޅުގަނޑުމެން މިބޭނުންވާ ހުނަރުވެރި ޒުވާނުންނަށް، ހުނަރުވެރި މަސައްކަތްތެރިންނަށް، އަޅުގަނޑުމެންނަށް މިބޭނުންވާ ކަހަލަ ފެންވަރު ރަނގަޅު ޙިދުމަތްދޭނެ ގިނަ އަޅުގަނޑުމެންގެ ބައެއް ތައްޔާރުވެގެންދާކަމީ ހަމަ އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށްބޮޑު ނަސީބެއް." ޑރ. އައިޝަތު ޝިހާމް ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ދަށުން ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިކޮށް ޕްރީމެޑިސިންގ އިން ފެށިގެން ޑޮކްޓަރ އޮފް މެޑިސިންގއާއި ހަމައަށް ކިޔެވުމަށް 1 ދަރިވަރަކަށް 100 އިންސައްތަ ޓިއުޝަން ފީ ހިލޭ ސްކޮލަރޝިޕެއް ކޮންމެ އަހަރަކު ލިބޭނެއެވެ. އަދި 10 ދަރިވަރަކަށް 10 އިންސައްތަ ޓިއުޝަންފީ ޑިސްކައުންޓް ލިބެނެއެވެ.

އެމީލިއޯ އެގްއިނާލްޑޯ ކޮލެޖަކީ މިހާރުވެސް ދިވެހި ދަރިވަރުން ކިޔަވަމުންދާ ކޮލެޖެކެވެ. އެގޮތުން މިހާރުވެސް ދިވެހި 23 ދަރިވަރަކު ދަނީ އެ ކޮލެޖުގައި އެމްބީބީއެސްއަށް ކިޔަވަމުންނެވެ.