ޚަބަރު

އެކުއާކަލްޗަރގެ ދާއިރާ ފުޅާކޮށް ކުރިއެރުވުމާގުޅޭ ބައްދަލުވުން މާދަމާ ބާއްވަނީ


ރާއްޖޭގައި އެކުއަކަލްޗަރގެ ދާއިރާ ފުޅާކޮށް ކުރިއެރުވުމާ ގުޅޭ ގޮތުން މާދަމާ ބާއްވާ ނެޓްވޯރކް އޮފް އެކުއަ ކަލްޗަރ ސެންޓަރސް އިން އޭޝިއާ ޕެސިފިކް، ނާކާގެ ގަވަރނިންގ ކައުންސިލްގެ ބައްދަލުވުމުގައި މަޝްވަރާކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ ނާކާގެ މިބައްދަލުވުމަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގައި އެކުއަކަލްޗަރގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތައް ދެނެގަނެ މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މިބައްދަލުވުމުގައި އެޖަމްޢިއްޔާގެ 19 ޤައުމަކުން ބައިވެރިވާނެއެވެ.

ނާކާގެ ގަވަރަނިންގ ކައުންސިލްގެ ބައްދަލުވުމާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ، 2014 ވަނަ އަހަރު ރާއްޖެއިން ބައިވެރިވި މިޖަމްޢިއްޔާގެ ޗެއަރ އަކަށް މާދަމާ ބާއްވާ ކައުންސިލަށްފަހު ރާއްޖެ ވެގެންދާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މިބައްދަލުވުމުގައި ރާއްޖޭގައި އެކުއަކަލްޗަރގެ ދާއިރާ ތަރައްޤީކޮށް ފުޅާކޮށް ކުރިއެރުވުމާ ގުޅޭ ގޮތުން ކުރެވިދާނެ ކަންތައްތައް ދެނެގަނެ މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ބައްދަލުވުމުގެ ސަބަބުން މެންބަރު ޤައުމުތަކުގައި ހުރި އެކުއަކަލްޗަރ ނެޓްވޯރކްތަކުގެ ޓެކްނިކަލް އެހީ ރާއްޖެއަށް ލިބިގެންދާނެ ކަމަށެވެ.

"ޢާންމު ގޮތެއްގައި އޮންނަނީ ވޯރކިންގ ޕްރޮގްރާމްތަކާއި ގުޅޭ ގޮތުން ޑިސްކަސްކުރުން. ރާއްޖެއިން ބޮޑަށް މަސައްކަތްކުރާނީ އެކުއަކަލްޗަރ ސެކްޓަރ ޑިވަލޮޕްވުމުން އަންނައިރު އެންމެ ފައިދާވާނެ ގޮތަކަށް ބައްޓަން ކުރުން. މީގެކުރިންވެސް ނާކާގެ އިންސްޓިޓިއުޓްތަކާއެކީގައި ރާއްޖެއިން މަސައްކަތްކޮށްފައިހުރީ، އެގޮތުން ސައުތް އީސްޓް އޭޝިއާ ފިޝަރީޒް ޑިވަލޮޕްމަންޓް ސެންޓަރުގައި ރާއްޖޭގެ 9 ކުއްޖަކު ދަނީ ޓްރެއިނިންގ ހަދަމުން. އެހެން ޤައުމުތަކުގެ ޓެކްނިކަލް އެހީ އާ ނޮލެޖު ފަސޭހައިން ލިބޭނެ ގޮތަށް މަސައްކަތް ބައްޓަން ކުރުން'' ޑރ. ޝައިނީ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިބައްދަލުވުމުގައި ފާއިތުވި އަހަރު އެޖަމިއްޔާއިން ކޮށްފައި ހުރި މަސައްކަތްތަކާއި، ކުރިއަށް އަށް ރޭވިފައި ހުރި ޕްރޮގްރާމްތަކާއި ގުޅޭ ގޮތުން މެންބަރު ޤައުމުތަކުގެ މެދުގައި މަޝްވަރާކުރާނެ ކަމަށެވެ. އަދި މަސްވެރިކަމުގެ ބައިނަލްއަޤްވާމީ އެކި ޖަމްޢިއްޔާތަކުގައި ރާއްޖެއިން ބައިވެރިވެ ފުޅާ ދާއިރާއެއްގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ނާކާގެ ކައުންސިލް ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާނީ މެރިން ރިސަރޗް ސެންޓަރުގެ ސީނިއަރ ބަޔޮލަޖިސްޓް ޙަސަން ޝަކީލެވެ. މިބައްދަލުވުން ކުރިއަށްދާނީ މިމަހުގެ 26 އިން 27 ހަށް މޫކައި ހޮޓަލްގައެވެ. ރާއްޖެއިން އަންނަނީ 2016 އަހަރުން ފެށިގެން ނާކާގެ ވައިސް ޗެއަރކަން ކުރަމުންނެވެ.