ޚަބަރު

"އިސްލާމިކް ކެޕިޓަލް މާރކެޓް"ގެ 5 ވަނަ ތަމްރީން ޕްރޮގްރާމް ފަށައިފި


ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތައް، އިސްލާމިކް ކެޕިޓަލް މާރކެޓަށް ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށްގެންދާ "އިސްލާމިކް ކެޕިޓަލް މާރކެޓް"ގެ 5 ވަނަ ތަމްރީން ޕްރޮގްރާމް ފަށައިފިއެވެ.

މިއަދުން ފެށިގެން މިމަހުގެ 27 ގެ ނިޔަލަށް ކުރިއަށްދާ މި ތަމްރީން ޕްރޮގްރާމްއަކީ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކްގެ އިސްލާމިކް ރިސާރޗް އެންޑް ޓްރެއިނިންގ އިންސްޓިޓިއުޓް ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިއީ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތައް އިސްލާމިކް ކެޕިޓަލް މާރކެޓަށް ޝައުގުވެރިކުރުމާއި އެ ފަރާތްތައް މި ދާއިރާއަށް ހޭލުންތެރިކޮށް އިސްލާމިކް ޕްރޮޑަކްޓްތަކަށް އަހުލުވެރިކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް.

މިތަމްރީންގައި އިސްލާމިކް ކެޕިޓަލް މާރކެޓާއި އިސްލާމިކް ބޭންކިންގއާއި ގުޅޭ އަސާސީ މަހުފޫމްތައް ބައިވެރިންނާ ހިއްސާކުރާނެ. އަދި އިސްލާމީ މާލީ ޚިދުމަތްތަކުގެ ރެގިއުލޭޓަރީ ނިޒާމާއި ޞުކޫކް ސްޓަރަކްޗަރކުރުމާއި އެސިޓްސް ސެކިއުރިޓައިޒޭޝަނާއި އިސްލާމިކް ކެޕިޓަލް މާރކެޓްގައި ހުރި ގޮންޖެހުންތަކާއި ޝަރީޢާ ކޮމްޕްލަޔަންޓް ލިކުއުޑީޓީ މެނޭޖްމަންޓަ ބެހޭ މަޢުލޫމާތުތައްވެސް މި ތަމްރީން ޕްރޮގްރާމްގައި ހިއްސާ ކުރުމަށް ހަމަޖެހިފައިވެއެވެ.

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސިއީއޯ ނާދިޔާ ޙަސަން ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމްތަކުގައި ގާތްގަޑަކަށް 100 މީހުންނަށް މިދާއިރާގެ ތަމްރީންތައް ދީފައިވާކަމަށެވެ. އިސްލާމިކް ކެޕިޓަލް މާރކެޓްއަކީ މިހާރު ދުނިޔޭގައި މަޤްބޫލުވަމުން އަންނަ ކަމެއްކަން ފާހަގަކޮށް ނާދިޔާ ވިދާޅުވީ މިދާއިރާއަށް ދިވެހި ރައްޔިތުން ހޭލުންތެރިކުރުމަކީ މުހިއްމު ކަމެއްކަމަށެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި މާލީ ޢިދާރާތަކުގެ އިތުރުން ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނޭހެހެން 34 މީޙުން ބައިވެރިވެއެވެ.