ދުނިޔެ

ތުރުކީވިލާތުގެ ރިޔާސީ އިންތިޚާބު މިހާރުގެ ރައީސް އުރުދުޣާން ކާމިޔާބުކޮށްފި


ތުރުކީވިލާތުގައި ބޭއްވި ތާރީޚީ ރިޔާސީ އަދި ޢާއްމު އިންތިޚާބު ފުރަތަމަ ބުރުން މިހާރުގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ކާމިޔާބު ކުރައްވައިފިއެވެ.

އިންތިޚާބުގެ ނަތީޖާތަކަށް ބަލާއިރު އުރުޣާން ކާމިޔާބު ހޯދާފައިވަނީ 55 އިންސައްތައަށްވުރެ ގިނަ ވޯޓުންނެވެ. އެމަނިކުފާނާ އެންމެ ގާތުން ވާދަކުރައްވާ މުޙައްރަމް އިންޗެއަށް ލިބިވަޑައިގެންފައިވަނީ 30.2 އިންސައްތައެވެ.

ހުޅަނގުގެ ބާރުތަކުގެ އިއްތިހާދު ނޭޓޯގައި ހިމެނޭ ތުރުކީވިލާތަކީ އިސްލާމީ ދުނިޔޭގައިވެސް މުހިއްމު ދައުރެއް އަދާކުރާ ޤައުމެކެވެ.

ތުރުކީގެ ރިޔާސީ އިންތިޚާބު ކުރިއަށްގެންގޮސްފައިމިވަނީ ތުރުކީވިލާތުގައި ކުއްލިހާލަތުގެ ޢަމުރު ތަންފީޒުކުރަމުންދާ ދަނޑިވަޅެއްގައެވެ. ކުއްލި ހާލަތުގެ ޢަމުރަށް އެންމެ ފުރަތަމަ ޢަމަލުކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޖުލައި މަހު ތުރުކީވިލާތުގައި ގެންނަން މަސައްކަތްކުރި ބަޣާވަތް ނާކާމިޔާބުވުމަށްފަހުގައެވެ. އެއަށް ފަހު، ރައީސް ތައްޔިބު އުރުދުޣާންގެ ސަރުކާރުން ވަނީ މި ޢަމުރުގެ މުއްދަތު ތަކުރާރުކޮށް އިތުރުކޮށްފައެވެ.

މި އިންތިޚާބަށް ފަހު، 2017 ވަނަ އަހަރު އެ ޤައުމުގައި ނެގި ފެންނަ ނުފެންނަ ވޯޓުގެ ދަށުން ރިޔާސަތުގައި ހުންނަވާ ފަރާތަކަށް އިތުރު ބާރުތަކެއް ލިބިދޭ ދުސްތޫރީ އިސްލާހުތަކަށް އަމަލުކުރަން ފަށާނެއެވެ.