ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ދޫކުރާ ގެޓްސެޓް ލޯނުގެ ތިންވަނަ ބުރުގެ އެޕްލިކޭޝަން ފޯމުތައް ބަލައިގަންނަން ފަށައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގެޓްސެޓް ލޯނުގެ ތިން ވަނަ ބުރުގެ އެޕްލިކޭޝަން ފޯމް މިއަދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހާއި ހަމައަށް ބަލައިގަންނަން ހަމަޖެހިފައިވާ ކަމަށެވެ.
ފޯމުތައް ބަލައިގަންނާނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ އޮފީހުންކަމަށެވެ. އެގޮތުން ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:00 އިން 14:00އަށް ފޯމް ބަލައިގަންނާނެ ކަމަށެވެ. އަދި ފޯމް ބަލައިގަތުމަށް ދޫކުރާ ކޮންމެ ޓޯކަން ނަންބަރަކަށްވެސް ހުށަހެޅޭނީ އެންމެ އެޕްލިކޭޝަނެއްކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. ނަމްބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 އިން 13:00އާ ހަމައަށް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ހުޅުވާލެވިފައިވާ މި ލޯނަށް ކުރިމަތިލުމަށް، އެޕްލިކޭޝަން ހުށަހެޅޭނީ 3 ލައްކައާއި 8 ލައްކަ ރުފިޔާގެ ބަޖެޓެއްގެ މައްޗަށް ތައްޔާރު ކުރެވިފައިވާ ވިޔަފާރި ޕްރޮޕޯސަލަކާއެކުގައި.
ގެޓް ސެޓް ލޯނުގެ ތިންވަނަ ބުރުގެ އެޕްލިކޭޝަން ފޯމުތައް ދޫކުރަން ފަށާފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައި. މިފަހަރުގެ ގެޓްސެޓް ލޯން ޕްރޮގްރާމަށްވެސް 40 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނޭ. މިދިޔަ ދެ އަހަރުގެ ތެރޭގައި ގެޓްސެޓް ލޯނުގެ ގޮތުގައި 71 ފަރާތަކަށް އިކޮނޮމިކް މިނިސްޓްރީން ލޯނު ދޫކޮށްފައިވެއެވެ.