ޚަބަރު

ގދ. މާވަރުލު އެއާޕޯޓް މަސައްކަތް އަވަސްކުރުމަށް އިތުރު މެޝިނަރީޒް ގެންގޮސްފި



ގދ. މާވަރުުލު އެއާރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތަށް ބޭނުންވާ އިތުރު މެޝިނަރީޒް ގެންގޮސް އެއާޕޯޓްގެ މަސައްކަތް ހަލުވި ސްޕީޑުގައި ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުނެފިއެވެ. ގދ. މާވަރުލުގައި ތަރައްޤީކުރަނީ 1200 މީޓަރު ދިގު ރަންވޭއެއް ހިމެނޭ އެއާރޕޯޓެކެވެ.

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ހުޝާމް ވިދާޅުވީ، މާވަރުލު އެއާރޕޯޓް މަޝްރޫޢަށް ބޭނުންވާ މެޝިނަރީޒް ގެންގޮސް ސައިޓަށް ޖަމާކޮށްފައިވާކަމަށެވެ. އަދި މާވަރުލު އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ރަންވޭގެ ސަބްގްރޭޑިންގ އަޅާ، ކޮމްޕެކްޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް އަންނަ މަހު ފަހުކޮޅު ފަށާނެ ކަމަށް ހުޝާމް ވިދާޅުވިއެވެ.

މާވަރުލު އެއާޕޯޓާ ގުޅިގެން، އެރަށުގައި ހެދުމަށް ހަމަޖެހިފައިވާ ފާލަމުގެ މަސައްކަތްވެސް ފަށާފައިވާކަމަށާއި ފާލަން އެޅުމަށްޓަކައި ބަނދަރު ކޮނެ، ފާލަން އަޅާ ދިމާ ހިއްކުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްޓީސީސީން ބުނެއެވެ.
މާވަރުލު އެއާޕޯޓް މަޝްރޫޢަށް ދައުލަތުގެ ބަޖެޓުން 57 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިޔަށްގެންދާ މަޝްރޫޢުއެކެވެ. އެއާޕޯޓްގެ މަސައްކަތް މިއަހަރުގެ އޯގަސްޓްމަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.