ޚަބަރު

އަންނަ ބުދަދަވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ހިދުމަތް މެދުކަނޑާލަނީ


ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެމަރޖެންސީ އެކްސަރސައިޒެއް ކުރިއަށްގެންދިޔުމަށް އަންނަ ބުދަދުވަހު އެއަރޕޯޓުގެ ޚިދުމަތްތައް މެދުކަނޑާލާނެކަމަށް އެމްއޭސީއެލުން ބުނެފިއެވެ.
އެމްއޭސީއެލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އެމަރޖެންސީ އެކްސަރސައިޒް ކުރިއަށްގެންދިޔުމަށް ބުދަދުވަހުގެ ހަވީރު ހަތަރަކުން ރޭގަނޑު ހަތެއް ޖެހުމާ ހަމަޔަށް އެއަރޕޯޓުގެ ޚިދުމަތްތައް މެދުކަނޑާލާނެކަމަށެވެ. މިޙަރަކާތަކީ ފަސިންޖަރުންނާއި މަތިންދާބޯޓަށް ދިމާވެދާނެ ނުރައްކާތެރި ހާދިސާއެއްގައި ޢަމަލުކުރުމަށް ހެދިފައިވާ ޕްލޭންތައް ޓެސްޓްކުރުމާއި އަދި ޢަމަލުކުރުމުގައި ދިމާވާ ދަތިތައް ދެނެގަނެ ކުރިއަށް އޮތް ތަނުގައި އެމައްސަލަތައް ދިމާނުވާނެ ގޮތަށް އެފަދަ މައްސަލަތައް ހައްލުކުރުންކަމަށް ކުރިއަށްގެންދާ ޙަރަކާތެއްކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

ދިވެހިރާއްޖޭގެ ސިވިލް އެވިއޭޝަން ޤާނޫނުގައި ބުނެފައިވަނީ ވެލާނާއިންޓަރނޭޝަނަލް އެއަރޕޯޓުގެ ތައްޔާރީ ޙާލަތާއި އިތުރަށް ތައްޔާރީ ޙާލަތު ހަރުދަނާކުރުމަށް އެއަރޕޯޓުގެ ފުލް އެމަރޖެންސީ އެކްސަރސައިޒެއް ކޮންމެ ތިން އަހަރަކުން އެއްފަހަރު ހަދަންޖެހޭނެކަމަށެވެ.