ޚަބަރު

ބައިނަލްއަޤުވާމީ ޖަމިއްޔާތަކުގެ ސިޔާސަތުތައް އިސްލާޙުކުރަން ޗައިނާގެ ދައުރު މުހިއްމު- ޝީ


ބައިނަލްއަޤްވަމީ ބޮޑެތި ޖަމާޢަތްތައް ހިންގުމަށް ގެންގުޅޭ ސިޔާސަތުތައް އިސްލާހުކުރުމުގައި ޗައިނާއިން އިސް ދައުރެއް އަދާކުރަން ޖެހޭކަމަށް އެ ޤައުމުގެ ރައީސް ޝީ ޖިންޕިންގް ވިދާޅުވެއްޖެއެވެ.

ޗައިނާއަށް ލިބިފައިވާ ސިޔާސީ އަދި އިޤްތިޞާދީ ބާރާއެކު އެ ޤައުމުން ވަނީ ދުނިޔޭގެ ބޮޑެތި ޖަމާޢަތްތައް ކަމަށްވާ އދ، ވަރލްޑް ބޭންކް އަދި ބައިނަލްއަޤްވާމީ މާލީ އިދާރާ ފަދަ ޖަމާޢަތްތައް ހިންގުމުގައި އިސް ދައުރެއް އަދާކުރަން ބޭނުންވާކަން މީގެ ކުރިންވެސް ބަޔާންކޮށްފައެވެ. މި ޖަމާޢަތްތަކުގައި ޗައިނާއަށް އެކަށިގެންވާ ދައުރެއް އަދާކުރުމުގެ ފުރުޞަތު ނުލިބުމުން އެގައުމުން އަމިއްލައަށް އިސްނަގައިގެން ވަނީ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް ފަދަ މާލީ އިދާރާތައް އުފައްދާފައެވެ.

ޗައިނާއިން އެ ޤައުމުގެ ސިޔާސަތާއި ސަލާމަތީ ކަންކަން ރައްކާތެރިކޮށް، އެ ޤައުމުން ތަރައްޤީކުރަން ބޭނުންވާ މަޝްރޫޢުތައްވެސް ހިމާޔަތް ކުރަން ޖެހޭކަމަށް، ދެ ދުވަހަށް ކުރިއަށްގެންދިޔަ އެގައުމުގެ ކޮމިއުނިސްޓް ޕާޓީގެ އިސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވިދާޅުވިއެވެ. އަދި މިއާއެކު ބައިނަލްއަޤުވާމީ ޖަމާޢަތްތައް ހިންގުމުގައި ގެންނަން ޖެހޭ އިސްލާހުތައް ޗައިނާއަށް ދެއްކޭނެ ކަމަށާއި، މިއާއެކު މި ޒަމާނަށް މި ޖަމާޢަތްތައް ފެތިގެން ދިއުމުގައި އެހީތައް ލިބިގެންދާނެ ކަމަށް، ޝީ ވިދާޅުވިއެވެ.