ކުޅިވަރު

ކޮރެއާވެސް ބަލިކޮށް، މެކްސިކޯ ދެވަނަ ބުރާ ގާތުގައި


ކޮރެއާ ރިޕަބްލިކް އަތުންވެސް މޮޅެއް ހޯދާ މެކްސިކޯ ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

ފީފާ ވަރލްޑް ކަޕް ގްރޫޕް އީގައި މިރޭ މެކްސިކޯ އާއި ކޮރެއާ ރިޕަބްލިކް ބައްދަލުކުރި މެޗު މެކްސިކޯ ކާމިޔާބުކުރީ 2-1 ނެވެ.
މިމެޗުގައި މެކްސިކޯގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކާލޯސް ވެލާއެވެ. އަދި މެކްސިކޯގެ ދެވަނަ ލަނޑު މެޗުގެ ދެވަނަ ހާފްގައި ކާމިޔާބުކޮށްދިނީ މެކްސިކޯ ޤައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައިވާ ފޯވާޑް ހަވިއޭ ހެނާންޑޭޒް (ޗިޗަރީތޯ)އެވެ.
ކޮރެއާއިން ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކުރި ދެވަނަ ހާފުގައި އެޓީމުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތުގައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިނގިރޭސި ޕްރިމިއަރ ލީގުގެ ޓޮޓްނަމްގައި ކްލަބް ފުޓްބޯޅަ ކުޅެމުންދާ ފޯވާޑް ސޮން ހިއުމިންގއެވެ.

މެޗުން ލިބުނު ތިން ޕޮއިންޓާއެކު މެކްސިކޯ ވަނީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދާފައެވެ. އަދި ކްރެއާ ރިޕަބްލިކް މުބާރާތުގައި ކުޅުނު ދެ މެޗުންވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. ކޮރެއާ ވަނީ މުބާރާތުން ކަޓާފައެވެ.