ޚަބަރު

ބެލެނިވެރިން ޓެބްލެޓަށް އަހުލުވެރި ކުރުމުގެ ސެޝަންތައް ފަށައިފި


ޓެބްލެޓް ބޭނުންކޮށްގެން ސްކޫލްތަކުގައި ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ މަޝްރޫއުގެ ދަށުން، ޓެބްލެޓުން މަސައްކަތްކުރާ ގޮތް ދަރިވަރުންގެ ބެލެނިވެރިންނަށް ދަސްކޮށްދިނުމަށް ޚާއްޞަ ސެޝަންތަކެއް ފަށައިފިއެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ކުރިއަށްގެންދާ މި ސެޝަންތަކުގައި، ޓެބްލެޓުން މަޢޫލޫމާތު ހޯދާނެގޮތާއި ބޭނުންކުރާ އެޕްތަކާއި އެތަކެތި ބޭނުންކުރާއިރު ކުދިންނަށް އެހީތެރިވުމުގެ ގޮތުން ބެލެނިވެރިންނަށް ކޮށްދެވޭނެ ކަންކަން ދަސްކޮށްދިނުން ހިމެނެއެވެ. އަދި ކުދިން މަސައްކަތް ކުރާ ގޮތުގެ ޓްރެކް ބެލޭނެ ގޮތްވެސް މި ސެޝަންތަކުގައި ބެލެނިވެރިންނަށް ކިޔައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

ތަޢުލީމާއި ބެހޭ ވުޒާރާއިން ބުނީ ކުދިންގެ ކިޔެވުމުގެ ބޮޑު ބައެއްގައި ޓެބްލެޓް ބޭނުންކުރަން ފަށާއިރު ބެލެނިވެރިން އެކަަމަށް އަހުލުވެރިވެފައި ތިބުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެހެންކަމުން ސްކޫލްތަކުގެ ޝެޑިއުލްތައް ތަންދޭ މިންވަރަކުން ހުރިހާ ސްކޫލް ތަކެއްގައިވެސް ސެޝަންތައް ކުރިއަށްގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ސަރުކާރު ސްކޫލްތަކުގެ ގޮތުގައި ހިންގާ 212 ސްކޫލް ރާއްޖޭގައި ހުރި އިރު އެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނާއި މުދައްރިސުން ބޭނުންކުރުމަށް 70،000 އަށްވުރެ ގިނަ ޓެބްލެޓް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގަނެފައެވެ. އަދި ސްކޫލް ކުދިންނަށް ޓެބްލެޓް ބަހަން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.