އިންޓަރނޭޝަނަލް މޯލްޑިވްސް ޓްރެވަލް މަރކެޓްއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ފެއަރ "އައިއެމްޓީއެމް 2018" ފަށައިފިއެވެ.
މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރާއްޖޭގައި ތިބެގެން، ބޭރުގެ މާކެޓަށް ފަތުރުވެރިކަމުގެ ވިޔަފާރި އިސްތިހާރު ކުރުމަށް މަގުފަހިކޮށްދިނުމަށް ކުރިއަށްގެންދާ ފެއަރއެކެވެ. "އައިއެމްޓީއެމް 2018" ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު މުނައްވަރުއެވެ.
އަދާރަން ހުދުރަންފުށި ރިސޯޓުގައި ބާއްވާ އައިއެމްޓީއެމްގެ ފުރަތަމަ ފެއަރ "އައިއެމްޓީއެމް 2018"ގައި ދުނިޔޭގެ އަށާރަ ޤައުމަކުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ، ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންސީތަކާއި ދާއިރާގައި މަސައްކަތްކުރާ އެހެން ފަރާތްތަކުން ބައިވެރިވެއެވެ. މީގެއިތުރުން ރާއްޖޭގެ ގެސްޓް ހައުސްތަކާއި ރިސޯޓްތަކާއި ލިވަރބޯޑާއި ޑައިވް ސެންޓަރުތަކާއި ޓްރެވަލް އެޖެންސީތަކާއި ޓުއަރ އޮޕަރޭޓަރުންވެސް ހިމެނެއެވެ.
ފެއަރ ފައްޓަވާއިދެއްވާ ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވީ މި ފެއަރއަކީ މިދާއިރާގައި ކުދި ވިޔަފާރިތައްކުރާ ފަރާތްތަކަށް ހުޅުވުގެން ދިޔަ މުހިންމު ފުރުޞަތެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަމަކީ ރާއްޖެއަށް އެންމެ މުހިންމު ސިނާޢަތްކަމަށާއި، މިއީ ޖީޑީޕީގެ 90 އިންސައްތަ ހިއްސާކުރާ ދާއިރާކަމަށެވެ. އަދި ރާއްޖެއަށް 7 މިލިއަން ފަތުރުވެރިން ގެންނަން އަމާޒުހިފާފައިވާއިރު، މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެއައި ފަތުރުވެރިންގެ ނިސްބަތް 11 އިންސައްތަ އިތުރުވިކަން ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މިފަދަ ފެއަރތަކާއި ވިޔަފާރިތައް ފެށުމަށްދޭ އެސްއެމްއީ ލޯނުގެ ފުރުސަތުތަކަކީ ފަތުރުވެރިން އަންނަ ނިސްބަތް އިތުރުކޮށް، 7 މިލިއަން ފަތުރުވެރިން ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ.
އައިއެމްޓިއެމްގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފަރްޝަތް ވިދާޅުވީ މިފަދަ ފެއަރއެއް ބައިނަލްއަޤްވާމީ ފަރާތްތަކާއިއެކު ރާއްޖޭގައި ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ފަތުރުވެރިކަމުގެ ކުދި ވިޔަފާރިތައް، ހެޔޮއަގެއްގައި ބައިނަލްއަޤްވާމީ ދުނިޔެއަށް އިސްތިހާރުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުންކަމަށެވެ. އަދި އަންނަ ފެބްރުއަރީ މަހު މީގެ 2 ވަނަ ފެއަރއެއް މިއަށްވުރެ ފުޅާކޮށް ގިނަ ފަރާތްތަކަށް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ފެއަރގައި ބައިވެރިވި ފަރާތްތަކުންވަނީ ރާއްޖޭގައި ތިބެގެން މިފަދަ ފެއަރއެއްގައި ބައިވެރިވުުމުގެ ފުރުޞަތު ލިބުމަކީ މިދާއިރާ ފުޅާކުރުމަށް ލިބުނު ރަނގަޅު ފުރުޞަތެއްކަން ފާހަގަކޮށްފައެވެ.
މިފެއަރގެތެރެއިންވަނީ "ޕަޑީ މޯލްޑިވްސް" އިފްތިތާޙްކޮށްފައެވެ. ޕަޑީއަކީ ސްކޫބާ ޑައިވިންގގެ ދާއިރާއިން މިހާރުވެސް އަށްޑިހައަށްވުރެ ގިނަ ޤައުމުގައި ޙިދުމަތް
ދެމުންދާ، ޑައިވިންގ ދާއިރާއިން ތަމްރީނާއި ލައިސަސްދޭ ބައިނަލްއަޤުވާމީ ޖަމިއްޔާއެކެވެ.