ޚަބަރު

ހޮޅުދޫގައި ދީނީ ކަންކަމަށް ޚާއްޞަ ޖަމިއްޔާއެއް އިފްތިތާޙުކޮށްފި


ނ. ހޮޅުދޫގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް "ހޮޅުދޫ އިސްލާމިކް މޫވްމަންޓް"ގެ ނަމުގައި ޚާއްޞަ ޖަމިއްޔާއެއް އިފްތިތާހްކޮށްފިއެވެ.

އެ ޖަމިއްޔާއިން ބުނީ އެފަރާތުގެ މަޤުޞަދަކީ ރަށާއި އަތޮޅުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، މުޖުތަމަޢުގެ އެއްބައިވަންތަކަން ވަރުގަދަކުރުވުން ކަމަށެވެ. އަދި އެ މަސައްކަތުގައި ތަފާތު ވަޞީލަތްތައް ބޭނުން ކުރާނެކަމަށެވެ.

ހޮޅުދޫ އިސްލާމިކް މޫވްމަންޓް ޖަމިއްޔާއިން ކުރިއަށް ގެންދަން ރާވާފައި ޙަރަކާތްތަކުގެ ތެރޭގައި ދީނީ މައުޟޫތަކަށް ދަރުސްދިނުމާއި، ރެކޯޑިންގ އިއްވުމާއި، ދީނާއި ގުޅުންހުރި ލީފްލެޓް ބެހުމާއި، ސޯޝަލް މީޑިއާގެ ތަފާތު ވަޞީލަތްތައް ބޭނުންކޮށްގެން މުޖްތަމަޢުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުން ހިމެނެއެވެ.

މީގެ އިތުރުންވެސް ޤުރުއާން، އިސްލާމް، ޢަރަބިބަސް ފަދަ މާއްދާތައް ކިޔަވައިދޭނެ ވަޞީލަތްތައް ފޯރުކޮށްދިނުމާއި، ދީނީ ގޮތުން ފާހަގަ ކުރާ ދުވަސްތަކާއި ރޭތައް އިޙްޔާކޮށް، ދީނީ ރޫޙް ވަރުގަދަކުރުމާއި، ދިީނީ ގޮތުން ޚައިރާތުކުރުމާއި، ޞަދަޤާތްކުރުމަށް ލޯބިޖެއްސުމުގެ ޙަރަކާތްތަކާއި، ޤުރުއާނާއި، މަދަޙަ ކިއުމުގެ މުބާރާތްތައް ބޭއްވުމާއި، ދީނީ ގޮތުން ބާއްވާ ޤައުމީ އަދި ބައިނަލްއަޤުވާމީ މުބާރާތްތަކަށް މީހުން ތައްޔާރުކުރުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެމިނާތަކާއި ވޯރކްޝޮޕްތައް ހިންގުމާއި، ދީނީ ގޮތުން މީހުން ތަމްރީނުކުރުމާއި ސްކޮލަރޝިޕް ހޯދައިދިނުން ހިމެނޭ ކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ.

ހޮޅުދޫ އިސްލާމިކް މޫވްމަންޓުން ބުނީ ހޮޅުދޫގެ ރައްޔިތުންގެ އިތުރުން ނ. އަތޮޅުގެ އެހެން ރަށްތަކަށް ޢަމާޒުކޮށްގެން ދީނީ ގޮތުން ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.