ޚަބަރު

އައިޔޫއެމްގެ ޗާންސެލަރ އެމެރިކާގެ ދެ އޮފިޝަލުންނާއި ބައްދަލުކުރައްވައިފި


އިސްލާމިކް ޔުނިވާރސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމްގެ ޗާންސެލަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އެމެރިކާގެ އިންފޮމޭޝަން ސަޕޯޓު ޓީމުގެ ދެ އޮފިޝަލުންނާ ބައްދަލުކުރައްވައިފިއެވެ. އެގޮތުން އައިޔޫއެމްގެ ޗާންސެލާއާ ބައްދަލުކުރެއްވީ ޔޫއެސް އިންފޮމޭޝަން ސަޕޯޓު ޓީމުގެ ޑިރެކްޓަރ ރޮބާރޓް ޓީ ވިންސް އަދި ޑެޕިއުޓީ ޑިރެކްޓަރ ގްރެގޮރީ ޖޭ. ހެއިމާލްއެވެ.

މިބައްދަލުވުމުގައި އިސްލާމިކް ޔުނިވާރސިޓީގެ ދަރިވަރުންގެ މެދުގައި ހައްދުފަހަނައަޅާ ދިއުމާ ޓެރެރިޒަމަށް މަގުފަހިވާފަދަ ވިސްނުން އުފެދުނަ ނުދިނުމަށް ކުރެވިދާނެ ކަންކަމާއިބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. މިބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ ޝަހީމު ވަނީ ރާއްޖެއަކީ މެދުމިނުގެ އިސްލާމީ ރިވެތި އާދަކާދަތަކުގެ މައްޗަށް އެކުލެވިފައިވާ މުޖުތަމައުއެއްކަން ފާހަގަކުރައްވާ، ރާއްޖޭގައި ކަންކަން ހިނގާގޮތާއިބެހޭ ގޮތުން އެމެރިކާގެ އޮފިޝަލުންނަށް މަޢުލޫމާތު ދެއްވިއެވެ. އަދި ދިވެހިރާއްޖެއަކީ އަންހެނުންގެ ހައްޤުތަކާއި ހަމަހަމަކަމުގެ އިސްލާމީ އުސޫލުތަކަށް މަސައްކަތްކުރާ ޤައުމެއްކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ. މީގެއިތުރުން ބައެއް ބައިނަލްއަޤްވާމީ މީޑިއާތަކުގައި ރާއްޖޭގެ ކަންކަމާބެހޭ ގޮތުން، ޚާއްޞަކޮށް ދީނީކަންކަމާބެހޭ ގޮތުން ފަތުރަމުންދާ ދޮގު ވާހަކަތަކަށް ޑރ ޝަހީމު ރައްދުދެއްވާ، މިއީ ހަޤީޤަތާ ޚިލާފު ކަމެއްކަމަށް ވިދާޅުވިއެވެ.

މީގެއިތުރުންވެސް ޑރ. ޝަހީމުވަނީ ރާއްޖޭގައި ހުންނަވާ ޕާކިސްތާނުގެ ސަފީރު، ރިޓަޔަރޑް ޑރ. ޝާހިދު އަހުމަދު ހަޝްމަދުއާ ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި ދެބޭފުޅުންވަނީ އައިޔޫއެމް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ.