ޚަބަރު

ލަގްޜަރީ ލައިފްސްޓައިލް މެގަޒިންގެ ހަނީމޫން މަންޒިލް އެވޯޑް ރާއްޖެއަށް


ލަގްޜަރީ ޓްރެވަލް ލައިފް ސްޓައިލް މެގަޒިން އިން ހޮވި ދުނިޔޭގެ އެއްވަނަ ހަނީމޫން މަންޒިލްގެ އެވޯޑު ރާއްޖެއަށް ލިބިއްޖެ އެވެ.

ފަތުރުވެރި ކަމުގެ ދާއިރާގެ ބައިތަކެއް ހިމަނައިގެންދޭ މި އެވޯޑް ރާއްޖެއަށް ދީފައިވަނީ އިނގިރޭސިވިލާތުގެ ލަގްޜަރީ ލައިފް ސްޓައިލް މެގަޒިން މަޖައްލާގެ، ކިޔުންތެރިންގެ ޚިޔާލުގެ މައްޗަށް ބަލައިގެންނެވެ. އަދި މި އެވޯޑު ދިނުމުގެ ކަންތައް ބަލަހައްޓަނީ ޚާއްޞަ ފަނޑިޔާރުންގެ ޕެނަލަކުންނެވެ.

މި އެވޯޑު ރާއްޖެއަށް ލިބިފައިވަނީ ސީޝެލްސް، އިޓަލީ ގެ ވެނިސް، ކެރީބިއަންގެ ޖަޒީރާ ރަށެއް ކަމަށްވާ ލޫސިއާގެ އިތުރުން އިޓަލީގެ ފްލޮރެންސް ފަދަ މަންޒިލްތަކާ ވާދަ ކޮށެވެ.

މޯލްޑިވްސް މާރކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނީ މިފަދަ އެވޯޑެއް ރާއްޖެއަށް ލިބިގެން ދިއުމަކީ އިނގިރޭސި މާރކެޓުގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ވުމަށް އެޅިގެންދާނެ އިތުރު ފިޔަވަޅަކަށްވާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރ ވަޒީރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ ރާއްޖެއަކީ ޔޫރަޕުގެ ފަތުރުވެރިންގެ މެދުގައި މަޤުބޫލު ހަނީމޫން މަންޒިލެއް ކަމަށާއި ރާއްޖޭގައި ގިނަ ޢަދަދެއްގެ ރިސޯޓުތަކެއް ހުޅުވަމުންދާއިރު، މިކަން ވެގެންދާނީ ރާއްޖެއަށް ޗުއްޓީއަށް އަންނަ މީހުންނަށް ހުޅުވިގެންދާ އިތުރު ފުރުޞަތަކަށް ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް އިނގިރޭސިވިލާތުން ވަނީ 51,076 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. މިއީ މިދިޔަ އަހަރު އައި 45,656 މީހުންނާ އަޅާބަލާއިރު 11.9 އިންސައްތަ އިތުރު ޢަދަދެކެވެ.