ޚަބަރު

ސިނަމާލެއާއި މާލޭހިޔާ ފްލެޓްތަކަށް މާލޭ ސިޓީ ކައުންސިލުން ވަނީ އިހުމާލުވެފައި


ސިނަމާލެއާއި މާލޭހިޔާގައި ހުރި ފްލެޓްތަކަށް މާލޭ ސިޓީ ކައުންސިލުން އިހުމާލުވެފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްއިން ކުރިއަށް ގެންދާ ޑޯޓުޑޯ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު، މިނިސްޓަރު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިނަމާލެއާއި މާލޭހިޔާގައި ހުރި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރުމުން، އެނގިގެންދިޔަ ކަމަކީ މާލޭސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެ ފްލެޓް ތަކަށް އެ ކައުންސިލުން އިހުމާލުވެފައިވާ މިންވަރު ކަމަށެވެ.

މިނިސްޓަރު މުއިއްޒު ވަނީ އެމްޑީޕީގެ ބެލުމުގެ ދަށުގައިވާ ކައުންސިލަކުން ރައްޔިތުންނަށް އެހާ އިހާނެތިކޮށް ކަންތައްތައް ކުރަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

މިނިސްޓަރު މުއިއްޒުގެ ޓްވީޓާއި ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވަނީ މިނިސްޓަރު މުއިއްޒުއަށް ގިނަ ކަންތައްތަކެއް ފެނިވަޑައިގަތީ ފްލެޓްތަކަށް އަލަށް ވަޑައިގަތުމުން ކަމަށާއި އެތަނުގައި ވެއްޓެން ކައިރިވެފައި ހުރި ބެލްކަނިތަކާއި ތަނބުތައް ވެސް ބައްލަވާލެއްވުމަށް ޝަމާއު ވަނީ މިނިސްޓަރަށް ދަންނަވާފައެވެ.

ޝަމާއު މިފަދައިން ވިދާޅުވި އިރު ބޮޑެތި މަރާމާތުތަކެއް ބޭނުންވާ މާލޭ ހިޔާ އާއި ސިނަމާލޭ ފްލެޓްތައް ބެލެހެއްޓުން ސިޓީ ކައުންސިލާއި ވަނީ ހަވާލު ކޮށްފައެވެ. އަދި އެ ފްލެޓްތަކުގެ މެއިންޓަނަންސް ކަންތައްތައް ބެލެހެއްޓުން ކައުންސިލުން ވަނީ އަމިއްލަ ކުންފުންޏަކަށް ދޫކޮށްފައެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ސިނަމާލެ އާއި މާލޭހިޔާ ފްލެޓްތަކުގެ ލިފްޓު ހަލާކުވުމާއި ވިއްސާރަ ދުވަސްވަރު ސީލިންގުން ފެން ލީކުވުން ފަދަ މައްސަލަތައް ވަރަށް ގިނައިން ދިމާވާކަމަށް ފްލެޓްތަކުގައި ދިރިއުޅޭ މީހުން ބުނެއެވެ.