ކުޅިވަރު

ފީފާ ވަރލްޑްކަޕް: ޖަރމަނީ - ސްވިޑުން


ދެވަނަ ބުރަށް ނުދާނެ އެއްވެސް ވިސްނުމަކުން ވިސްނަން ބޭނުންނުވާކަމަށް ޗެމްޕިއަން ޖަރމަނީގެ ފޯވާޑް މާރިއޯ ގޮމޭޒް ބުނެފިއެވެ.

ފުރަތަމަ މެޗުގައި މެކްސިކޯ އަތުން ބަލިވެ، ފާޑުކިއުން އަމާޒުވެފައިވާ ޓީމްގެ ފޯވާޑް ބުނީ ކުރިއަށް އަދި ދެމެދު އެބައޮތް ކަމަށާއި، ވިސްނަނީ އެ ދެމެޗުވެސް ކާމިޔާބުކޮށް ދެވަނަ ބުރަށް ދާންކަމަށެވެ. އެ ދެމެޗުންވެސް މޮޅުވެވޭނެ ކަމަށާއި، އެކޮލިޓީ ޓީމްގައި އެބަހުރިކަމަށް ގޮމޭޒް ބުންޏެވެ. މެކްސިކޯ އަތުން ބަލިވި މެޗުގައި ކަންކަން ދިޔައީ ރަނގަޅަށް ނޫންކަން ފާހަގަކުރަމުން ގޮމޭޒް ބުނީ ހަޤީޤަތަކީ ޖަރމަނީގައި ވަރުގަދަ ޓީމެއް އޮތުންކަމަށެވެ. ތަފާތު މޮޅު ކުޅުންތެރިންވެސް އެބަތިބި ކަމަށާއި، ޓީމްގެ ސްޓްރެންތްވެސް އިނގޭކަމަށެވެ.

" ގޯސް ސިނާރިއޯއަކަށް ނުވިސްނަން، މޮޅުވާން އަހަރެމެންނަށް ދެމެޗު އެބަޮއތް، އެ ދެމެޗުގައި އަހަރެމެންގެ ފެންވަރު ދެއްކޭނެ. އަހަރެމެންނަށް މޮޅުވެވޭނެ، މޮޅުވާނަން. އަހަރެެމެން ބޭނުންވަނީ މި ދެމެޗުން މޮޅުވާން އަދި ދެވަނަ ބުރަށްދާން " މާރިއޯ ގޮމޭޒް ބުންޏެވެ.

މިރޭ ޖަރމަނީއާ ދެކޮޅަށް ނިކުންނަ ސްވިޑުންގެ ކޯޗު އެންޑަރސަން ބުނީ ޖަރމަނީ މެޗަކީ ވަރަށް އުނދަގޫ މެޗަކަށް ވާނެކަމަށާއި، އެމީހުން (ޖަރމަނީ) މެކްސިކޯއާ ދެކޮޅަށް ކުޅުނު ކުޅުން ނުކުޅޭނެކަމަށެވެ. އެކަމަކު ޖަރމަނީއާ ދެކޮޅަށް އޭނާގެ ޓީމުން ކުރަން ޖެހެނީ ކޮންކަމެއްކަންވެސް އޭނާއަށް އިނގޭކަމަށް ކޯޗު ބުންޏެވެ.

" އަހަރެމެން ކުރަން އުޅޭކަންތައް އަހަރެމެންނަށް އިނގޭ. އަހަރެމެން ނިކުންނަނީ މޮޅުވާން. އަވަސް ކައުންޓަރ އެޓޭކްތަކެއް އުފެއްދުން މުޙިއްމު " ފުރަތަމަ މެޗު ކާމިޔާބުކޮށްފައިވާ ޓީމްގެ ކޯޗު ބުންޏެވެ.

މިގްރޫޕް މިވަގުތު އޮތް ގޮތުން ފުރަތަމަ މެޗު ކާމިޔާބުކޮށްގެން ކުރީގައި އޮތީ ސްވިޑުންއާއި، މެކްސިކޯއެވެ. ޕޮއިންޓެއް ނުލިބި އޮތީ ޖަރމަނީއާއި، ކޮރެއާއެވެ. ޖަރމަނީއާއި ސްވިޑުން ވާދަކުރާ މެޗު ފަށާނީ މިރޭ 11 ޖަހާއިރުއެވެ. އޭގެ ކުރިން މެކްސިކޯއާއި ކޮރެއާ ވާދަކުރާނެއެވެ. އެމެޗު ފަށާނީ 8 ޖަހާއިރުއެވެ.