ޚަބަރު

ޔޫއެސް އޯޕަންގެ ޗެމްޕިއަންކަން ޒުވަރޭވް ކާމިޔާބު ކޮށްފި


  • މިއީ މިސީޒަންގައި ޒުވަރޭވް ކާމިޔާބު ކުރި ގްރޭން ސްލޭމް 2 ވަނަ މުބާރާތް

ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން މިމުބާރާތުގައި އެއްވަނައަށް ސީޑު ކުރެވިފައިވާ ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒުވަރޭވް ކާމިޔާބު ކޮށްފިއެވެ.

އޭނާ މިމުބާރާތް ކާމިޔާބު ކޮށްފައިވަނީ ފައިނަލްގައި އަށް ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ބެން ޝެލްޓަން އާއި ވާދަކޮށް މެޗު 3-1 ސެޓުން ކާމިޔާބު ކޮށްގެންނެވެ. މިއީ މިސީޒަނާއި ކުރިމަތިލީއިރު ގްރޭންޑް ސްލޭމްގެ އެއްވެސް މުބާރާތެއް ކާމިޔާބު ކުރެވިފައިނުވާ ޒުވަރޭވް މިސީޒަންގައި ކާމިޔާބު ކުރި ގްރޭންޑް ސްލޭމް 2 ވަނަ މުބާރާތެވެ. މީގެކުރިން އޭނާ ވަނީ މިއަހަރުގެ ފްރެންޗް އޯޕަން ކާމިޔާބު ކޮށްފައެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓު ޒުވަރޭވް ކާމިޔާބު ކޮށްފައިވަނީ ހައެއް ތިނަކުންނެވެ. އަދި ދެވަނަ ސެޓު ޓައި ބްރޭކަކަށް ގޮސް ހަތެއް ދެއަކުން ޒުވަރޭވް ކާމިޔާބު ކުރިއިރު ތިންވަނަ ސެޓު ފަހެއް ހަތަކުން ކާމިޔާބު ކޮށް ޝެލްޓަން ވަނީ މިމެޗުގައި ކޮންވެސް ވަރެއްގެ އުންމީދެއް އަކޮށްފައެވެ. ނަމަވެސް މެޗުގެ ހަތަރު ވަނަ ސެޓު ޒުވަރޭވް ކާމިޔާބު ކޮށްފައިވަނީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ހައެއް ދެއަކުންނެވެ.

މިސީޒަން ފެށުނުއިރު އުމުރުން 29 އަހަރުގެ ޒުވަރޭވަށް ގްރޭންޑް ސްލޭމް ދެ މުބާރާތް ކާމިޔާބު ކުރެވޭނެކަމަށް ގަބޫލްކުރި މީހުން ވަރަށް މަދުވާނެއެވެ. ނަމަވެސް 2024 ވަނަ އަހަރުން ފެށިގެން ޓެނިހުގެ ދުނިޔޭގައި ލީޑު ކުރަމުންދިޔަ ދުނިޔޭގައި އެއްވަނައަށް ރޭންކް ކުރެވިފައިވާ ޔަނިކް ސިނަރ އާއި ސްޕެއިންގެ ކާލޯސް އަލްކަރާޒްއަށް ލިބުނު އަނިޔާގެ ފައިދާ މިސީޒަންގައި ޒުވަރޭވް މިވަނީ އެންމެ ފުރިހަމައަށް ނަގާފައެވެ. މިގޮތުން މިސީޒަންގައި ކުޅުނު ގްރޭންޑް ސްލޭމް ހަތަރު މުބާރާތުގެ ތެރެއިން ދެ މުބާރާތް އޭނާ މިވަނީ ކާމިޔާބުކޮށް އިތުރު އެއް ފައިނަލްގައި ވާދަކޮށްފައެވެ. އަނެއް ދެ މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން އަލްކަރާޒް ކާމިޔާބު ކުރިއިރު ވިމްބަލްޑަން ކާމިޔާބު ކޮށްފައިވަނީ ސިނަރއެވެ.

އެމެރިކާގެ އުންމީދުތަކާއި ގުޅިފައިވި ޝެލްޓަންއަށް ފައިނަލް މެޗުގައި މާރަނގަޅު ކުޅުމެއް ނުދެއްކެއެވެ. މިއާއެކު 2003 ވަނަ އަހަރަށް ފަހު ގްރޭންޑް ސްލޭމް މުބާރާތެއްގެ ތަށި އެމެރިކާގެ ފިރިހެން ކުޅުންތެރިއެއް އުފުލާލާތަން ބަލާލުމަށް އެޤައުމުގެ ރައްޔިތުން ކުރާ އިންތިޒާރު މިވަނީ އިތުރަށް ދިގުލައިގެންދޮސްފައެވެ.