ކުޅިވަރު

މިއަހަރުގެ ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ބުރު ސްޕޯރޓްސް ކްލަބަށް


1439 ވަނަ އަހަރުގެ ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ބުރު ސްޕޯރޓްސް ކްލަބުން ހޯދައިފިއެވެ.

ޖުމްލަ 32 ޓީމު ވާދަކުރި މި މުބާރާތުގެ ޗެމްޕިއަންކަން ބުރު ސްޕޯރޓްސް ކްލަބު ހޯދީ މިދިޔަ އަހަރު މުޅިން އަލަށް ނިކުއިން އެމްސީ ސްޕޯރޓްސް ކްލަބާ ވާދަކޮށް ފުރަތަމަ ދެ ގޭމު އެއްވަރުވުމުން ގަދަ ހިފުމުގެ ތިންވަނަ ހިފުން ކާމިޔާބުކޮށްގެންނެވެ. މިއީ މި މުބާރާތް ބުރު ސްޕޯރޓްސް ކްލަބުން ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އެޓީމު ވަނީ 2007 ވަނަ އަހަރުވެސް މި މުބާރާތް ކާމިޔާބުކޮށްފައެވެ.

ފައިނަލް މެޗަށްފަހު ޗެމްޕިއަން ޓީމަށް ތަށްޓާއި ރަން މެޑަލް އަދި ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަކީ ބުރު ސްޕޯރޓްސް ކްލަބުގެ އަލީ ވިޖުހާން އާއި އެކްލަބުގެ ފަރަޙް ޝާމް، މަސްއޮޑި ސްޕޯރޓްސް ކްލަބުގެ ސޮލާޙް، އެމްސީ ސްޕޯރޓްސް ކްލަބުގެ މުޙައްމަދު މިރުސާލް ޔާސިރު އަދި ކުޑަހެންވޭރު ޔުނައިޓެޑްގެ އަހުމަދު މުއާޒެވެ.

މި މުބާރާތުގެ އެންމެ ޝަރަފްވެރި މަޤާމު ކަމުގައިވާ މިސްޓަރ ބައިބަލާގެ މަޤާމު ލިބުނީ ބުރު ސްޕޯރޓްސް ކްލަބުގެ މުޙައްމަދު ރިލްވާނަށެވެ. މި މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމަކީ ކްލަބު ޓީނޭޖެވެ.
މުބާރާތުގެ ސްޕޮންސަރުންނަކީ ދިރާގު، މޯލްޑިވް ގޭސް، ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން، ޔޫރޯ މާކެޓިން އަދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އެވެ.