ޚަބަރު

"ހެސަ ވާދަ 2018" ފަށައިފި


ދިވެހިންގެ ސަޤާފަތް ރަމްޒުކޮށްދީ ދިވެހިންގެ އާދަކާދަ ދައްކުވައިދޭ ޗެލެންޖްތަކަކާއިއެކު އެމްއެންޑީއެފުން "ހެސަ ވާދަ 2018"ގެ ނަމުގައި މުބާރާތެއް ފަށައިފިއެވެ. މި މުބާރާތަކީ ވާދަވެރި ރޫހެއްގައި ސިފައިންގެ ހަށިހެޔޮކަން ދެމެހެއްޓުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ހަރަކާތް ފައްޓަވައިދެއްވީ ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފް އުމަރެވެ.

"ހެސަ" މިބަހުގެމާނައަކީ ވަރުގަދަ ނުވަތަ ގަދަދަފަދައެވެ. ހެސަ ވާދައިގެ ނަމުގައި ފެށި މި މުބާރާތަކީ ދިވެހި ކާބަފައިން އިހުގައި ކޮށްއުޅުނު މަސައްކަތްތައް މުބާތާތެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ފެށި ހަރަކާތެކެވެ. އެމްއެންޑީއެފްގެ ޔުނިޓްތަކުގެ މެދުގައި ފެށި މި މުބާރާތުގައި 17 ޓީމަކުންވަނީ ބައިވެރިވެފައެވެ. މި ޓީމްތަކުގެ މެދުގައި، ދުވުން، ދޯނި އެހެލުން، ގަސްކެނޑުން، ރުކަށްއެރުން، އަދި ކާށި ހެހުންފަދަ ގިނަ ޗެލެންޖުތައް ކުރިއަށްގެންދާނެއެވެ.

މި މުބާރަތް ފައްޓަވައިދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފް ޢުމަރު ވިދާޅުވީ މި މުބާރާތަކީ ޤައުމެއްގެ އެންމެ މުހިންމު އެއް ބަހާ ކަމަށްވާ ޤައުމިއްޔަތާއި ސަޤާފަތް ދިރުވުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ. އަދި މިއީ ހަމައެކަނި މުބާރާތެއް ނޫންކަމަށާއި މިކަމަކީ ދިވެހި ސަޤާފަތް ދިރުވައި އާލާކުރުމަށް ޤައުމީ ދިފާޢީ ބާރުން ކުރަމުންގެންދާ މަސައްކަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިފަދަ މުބާރާތެއްގެ ސަބަބުން ދިވެހި ކާބަފައިން ދިރުއުޅުމަށް ކުރަމުން އައި މަސައްކަތްތަކާއި، ބޭނުންކުރަމުންއައި ވަސީލަތްތަކާއި، ޚިދުމަތްތައް ދިރުވައި މިހާރުގެ ޖީލަށް ފޯރުކޮށްދެވިގެންދާކަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ޤައުމީ ދިފާޢީބާރަކީ ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެންމެ އިސްކޮށް ހަރަކާތްތެރިވާ އެންމެ ބޮޑު ބާރު ކަމަށާއި، އެމީހުންގެ މަސައްކަތަކީ ސާބަސް ޙައްޤު މަސައްކަތްތަކެއްކަމަށެވެ. އަދި އިސްލާމީ ވަޙްދަތާއި ދިވެހި ސަޤާފަތް ދަމަހައްޓައި އާލާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ތަރިކަ މަޝްރޫޢުއަށްވެސް މި މުބާރާތް ބާރަކަށްވެގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މުބާރާތް މިމަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މުބާރާތް ކުރިއަށްދާނީ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުގައި، ކޮންމެ ރެއަކު އަށަކުން ބާރައަށެވެ. މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ މެދުގައި އެންމެ އަވަހަށް އިވެންޓްތައް ފުރިހަމަކުރާ ތިން ޓީމް ހޮވައި ވަނަ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތް ކުރިއަށްދާ ވަގުތު، މުބާރާތް ބެލުމަށް އެ ސަރަޙައްދައް ވަނުމަށް އާއްމުންނަށްވެސްވަނީ ހުޅުވާލާފައެވެ.