ޚަބަރު

އޭ.ކޭ ޕާޓީއަށް މެޖޯރިޓީ ނުލިބިއްޖެނަމަ އިއްތިހާދުގެ ސަރުކާރެއް އުފެއްދުމަށް ތައްޔާރު: އުރުދުޣާން


އަންނަ އާދިއްތަ ދުވަހު ތުރުކީވިލާތުގައި ބާއްވާ ޢާއްމު އިންތިޚާބުގައި ވެރިކަން ކުރާ އޭ.ކޭ. ޕާޓީއަށް މެޖޯރިޓީ ނުލިބިއްޖެނަމަ އިއްތިޙާދުގެ ސަރުކާރެއް އެކުލަވާލުމަށް ތައްޔާރަށް ހުންނެވި ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ. ތުރުކީވިލާތުގައި ޢާއްމު އިންތިޚާބުގެ އިތުރުން ރިޔާސީ އިންތިޚާބު ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ތުރުކީވިލާތުގެ ރޭޑިއޯއަކަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ 600 ގޮނޑި ހިމެނޭ ޤާނޫނު ހަދާ މަޖިލީހުން 300 ގޮނޑިއަށް ވުރެ މަދުން އޭ.ކޭ. ޕާޓީއަށް ގޮނޑި ލިބިއްޖެނަމަ އިއްތިޙާދެއް އެކުލަވާލުމަށް އެޕާޓީއިން ވިސްނާނެއެވެ. ނަމަވެސް މި ޙާލަތަށް ދިއުމަކީ ވަރަށް ނާދިރުކަމެއް ކަމަށް ވެސް އުރުދުޣާން ވިދާޅުވިއެވެ.
2003 ވަނަ އަހަރުން ފެށިގެން ތުރުކީވިލާތުގައި ވެރިކަން ކުރައްވަމުންދާ ޠައްޔިބު އުރުދުޣާންގެ އޭ.ކޭ. ޕާޓީއިން އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ފުރަތަމަ ހޯދާފައިވަނީ 2002 ވަނަ އަހަރު ބޭއްވި އިންތިޚާބުގައެވެ.
އޭގެފަހުން ބޮޑުވަޒީރުގެ ޙައިޞިއްޔަތުން އަދި ރައީސްގެ ޙައިޞިއްޔަތުން އުރުދުޣާން ތުރުކީވިލާތުގައި ވަނީ ވެރިކަންކުރައްވާފަ. ނަމަވެސް އޭނާއަށް އޮތް ތާޢިދު މިހާރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް މުރާސިލުން ބުނެއެވެ.
އެގޮތުން ޚިޔާލު ހޯދުމުގެ ވޯޓުތައް ދައްކާ ގޮތުގައި އަންނަ އާދިއްތަ ދުވަހު ބާއްވާ ޢާއްމު އިންތިޚާބުގައި އޭ.ކޭ. ޕާޓީއަށް އޮތް މެޖޯރިޓީ ގެއްލުމަކީ އެކަށީގެންވާ ކަމެކެވެ. އަނެއްކޮޅުން ރިޔާސީ އިންތިޚާބު ދެވަނަ ބުރަކަށް ދިއުމަކީ ވެސް އެކަށިގެންވާކަމެއް ކަމަށް ދިރާސާތަކުން ދައްކައެވެ.