ކުޅިވަރު

ކެޕްޓަން ޔެޑިނެކްގެ ލަނޑުން ހޯދި ޕޮއިންޓުން އޮސްޓްރޭލިޔާ އުއްމީދެއް ހޯދައިފި


ކެޕްޓަން މިލޭ ޔެޑިނަކް ކާމިޔާބުކުރި ޕެނަލްޓީން ޕޮއިންޓެއް ހޯދާ، ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ފުރުޞަތު އޮސްޓްރޭލިޔާއިން ދަމަހައްޓައިފިއެވެ.

ހަތް ވަނަ މިނިޓްގައި އެރިކްސަން ޖެހި ލަނޑުން ޑެންމާރކް ކުރި ހޯދާފައި ވަނިކޮށް، ޔެޑިނަކް އޮސްޓްރޭލިޔާއަށް ނަތީޖާ ހަމަހަމަކޮށްދިނީ 38 ވަނަ މިނިޓްގައެވެ. މެޗުގެ ރެފްރީ ޕެނަލްޓީ ދިނީ ވީޑިއޯ އެސިސްޓެންޓް ރެފްރީގެ އެހީ ހޯދުމަށްފަހުއެވެ. ވީޑިއޯ ބެލުމަށްފަހު ދިން ޕެނަލްޓީން އޮސްޓްރޭލިޔާ ކާމިޔާބުކުރި ގޯލުން ޑެންމާކާ އެއްވަރުކޮށް ލިބުނު ޕޮއިންޓަކީ ދެމެޗުން އެޓީމަށް ލިބުނު ފުރަތަމަ ޕޮއިންޓެވެ.

މެޗުން ލިބުނު އެއް ޕޮއިންޓާއެކު ދެމެޗުން ހަތަރު ޕޮއިންޓް ހަމަކޮށް ޑެންމާރކް މިވަގުތު އޮތީ ގްރޫޕްގެ އެއްވަނާގައެވެ. ނަމަވެސް ކުރިއަށް އޮތް ފްރާންސާއި، ޕެރޫ ވާދަކުރާ މެޗުން ފްރާންސް މޮޅުވެއްޖެ ނަމަ ގްރޫޕްގެ އެއްވަނަ ލިބޭނީ ފްރާންސަށެވެ. 2002 ވަނަ އަހަރުގެ ފަހުން ދެވަނަ ބުރުން ޖާގަ ލިބިފައިނުވާ ޑެންމާކަށް މިފަހަރުގެ މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް މިހާރު ރަނގަޅު ފުރުޞަތެއް އެބައޮތެވެ.