ޚަބަރު

އައްޑޫގައި ބަސް ސްޓޮޕްތަކެއް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަނީ


އައްޑޫސިޓީގެ އެކި ސަރަހައްދުތަކުގައި ބަސް ސްޓޮޕްތަކެއް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން އައްޑޫ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން މި މަސައްކަތް ބީލަމަށް ހުށަހަޅާފައިވަނީ ކޮންޓްރެކްޓަ ފައިނޭންސް އުސޫލުންނެވެ. ކައުންސިލުންބުނީ ބިޑް ވިއްކުން އޮންނާނީ މިމަހުގެ 26 ވާ ދުވަހުގެ ހެނދުނު 10:00 ފެށިގެން އަންނަމަހު ތިން ވަނަ ދުވަހުގެ މެންދުރު 12:00 އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއިންކަމަށެވެ. ތިންސަތޭކަ ރުފިޔާއަށް ކޮންމެ ބިޑް ޑޮކިއުމެންޓެއް ވިއްކާއިރު، ބީލަން ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ އަންނަ މަހު ނުވަ ވަނަ ދުވަހު 11:00 ގައި ކައުންސިލް އިދާރާގެ ހޯލްގައެވެ.
އަދި ބީލަމާއި ގުޅިގެން މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ، އަންނަ އަންގާރަ ދުވަހުން ފެށިގެން އަންނަ މަހު 8 ވަނަ ދުވަހުގެ 12:00 އާއި ދެމެދު މެއިލްގެ ޒަރީއާއިން ހުށަހެޅެނޭ އިންތިޒާމުވެސް ކައުންސިލުންވަނީ ހަމަޖައްސާފައެވެ. އަދި މެއިލްތަކަށް ފޮނުވާ ސުވާލްތަކުގެ ޖަވާބް، އަންނަ މަހު 8 ވަނަ ދުވަހުގެ 14:00ގެ ކުރިން ބިޑް ބައްލަވައިގެންނެވި ހުރިހާ ފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެކަމަށްވެސް ކައުންސިލުން ބުނެއެވެ.

އައްޑޫގެ އެކި ސަރަހައްދުތަކުގައި ބަސް ސްޓޮޕްތައް އެނގޭނެ ނިޝާން ބަހައްޓާފައި ހުރެއެވެ. ނަމަވެސް ގިނަ ވަގުތު އާންމުނަށް ތިބެވޭނެހެން ބަސް ސްޓޮޕްތަކެއް ހެދިފައި ނެތުމުން، އާންމުންނަށާއި އަދި ސްކޫލަތަކުގެ ދަރިވަރުންނަށް ދަތިތަކަކާ ކުރިމަތިލާންޖެހެއެވެ. ބަހުގެ ޚިދްމަތަކީ 2015 ވަނަ އަހަރު ޑިސެމްބަރު މަހު އައްޑޫސިޓީގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމް.ޕީ.އެލްއާއި ޙަވާލުކޮށް، ސަދަން ޓްރާންސްޕޯޓް ލިންކްގެ ނަމުގައި ފެއްޓުނު ޚިދްމަތެކެވެ.