ޚަބަރު

ޔޫއެންޑީޕީ "ފިލްމް ފޯރ ޗޭންޖް 2018"ގެ ބައިވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފަށައިފި


އިޖްތިމާއީ އެކި މައްސަލަތަކާގުޅޭ ގޮތުން މީހުން ހޭލުންތެރިކުރުމަށް، ޔޫއެންޑީޕީއިން ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކުރު ފިލްމް އުފެއްދުމުގެ ފެސްޓިވަލްގެ 2 ވަނަ ބުރަށް ހޮވުނު ބައިވެރިނަށް ތަމްރީން ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކުރު ފިލްމު އުފެއްދުމުގެ ޕްރޮގްރާމަކީ ދިރާގާ އޮސްޓްރޭލިއާ އެންބަސީގެ އެހީތެރިކަމާއެކު އދގެ ތަރައްޤީއާއިބެހޭ ޖަމިއްޔާ، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް، ޔޫއެންޑީޕީގެ ރާއްޖޭގެ އޮފީހުން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

ފިލްމް ފޯރ ޗޭންޖުގެ ނަމުގައި ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ކުރު ފިލްމު އުފެއްދުމުގެ ޕްރޮގްރާމަކީ އިޖްތިމާޢީ ތަފާތު މައްސަލަތަކާއި ގުޅޭގޮތުން ޒުވާނުންނާއި އާންމުން ހޭލުންތެރިކުރުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވާ ޒުވާނުން، އިޖުތިމާޢީ ތަފާތު މަޢުޟޫތަކަށް ވީޑިިއޯ ކްލިޕް ތައްޔާރުކުރާނެއެވެ. ފިލްމު އުފެއްދުމުގެ މިއަހަރުގެ ފެސްޓިވަލްގައި ބައިވެރިވާ ޒުވާނުންނަށް ޚާއްޞަކޮށްގެން ފިލްމް ހެދުމާއި، ޕޯސްޓް ޕްރޮޑަކްޝަނާބެހޭ މަޢުލޫމާތާއި، ޓްރެއިނިންގ ޕްރޮގާމެއް ވަނީ ފަށާފައެވެ. 3 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މިތަމްރީންގައި ރާއްޖޭގެ މަޝްހޫރު އަދި ބޮޑެތި ފިލްމް އުފައްދާ ސްޓޫޑިއޯ ތަކުން ބައިވެރިންނަށް ފިލްމް އުފެއްދުމާބެހޭ މަޢުލޫމާތާއި މަސައްކަތުގެ ތަޖުރިބާ ހިއްސާކުރާނެއެވެ.

މިތަމްރީން ޕްރޮގްރާމު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫއެންޑީޕީއިން ރާއްޖެއަށް ކަޑައަޅާފައި ހުންނަ މަންދޫބު ޝޯކޯ ނޯޑާ ވިދާޅުވީ، ފިލްމް ފޮރ ޗޭންޖް ޕްރޮޖެކްޓަކީ ޒުވާނުންގެ ނަޒަރިއްޔާއިން މުޖުތަމަޢުގައި ހުންނަ މައްސަލަތަކަށް އަލިއަޅުވާލަން ދެވޭ ފުރުޞަތެއްކަމަށެވެ. އަދި މިފަދަ މައްސަލަތައް ހައްލުކުރުމަށް، މައްސަލަތަކުގެ ވާހަކަދައްކާ އެކަމަށް ސަމާލުކަން ހޯދުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޮސްޓްރޭލިއާއިން ސްރީލަންކާއާއި ރާއްޖެއަށް ކަޑައަޅާފައި ހުންނަ ސަފީރު، ބްރައިސް ހަޗަސަން ވިދާޅުވީ، ރާއްޖޭގެ ޒުވާނުންނަކީ ޤައުމުގެ ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާ ބައެއްކަމަށެވެ. އަދި މިފަދަ ޕްރޮގްރާމަކަށް އޮސްޓްރޭލިއާ އެންބަސީއިން އެއްބާރުލުންދެނީ މިއީ މުޖުތަމަޢުގެ މައްސަލަތައް ހައްލުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށް ދެކޭތީކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިރާގުގެ މެނޭޖަރ މާރކެޓިންގ، ކޮމިއުނިކޭޝަންސް އެންޑް ޕީއާރު، މުޙައްމަދު މިރްޝާން ޙަސަން ވިދާޅުވީ މިޕްރޮގްރާމްގައި ދިރާގުން ބައިވެރިވަނީ އެކުންފުނީގެ އިގްތިޞާދީ އިޖްތިމާއީ މައްސޫލިޔަތުގެ ދަށުން މުޖުތަމުޢުގައި ހުންނަ މައްސަލަތައް ހައްލުކުރުމުގައި ޑިޖިޓަލް އެކި އާލާތްތަކުގެ ބޭނުންކުރުން އިތުރުކުރުމަށް ބާރުއެޅުމަށްކަމަށެވެ.

މިއަހަރުގެ ފިލްމް ފޮރ ޗޭންޖުގައި ބައިވެރިން ކުރު ފިލްމު ތައްޔާރު ކުރުމަށްހަމަޖެހިފައިވާ މަޢުޟޫއުތަކުގެ ތެރޭގައި، ކޮލިޓީ އެޑިއުކޭޝަން، ޖެންޑަރ އީކުއާލިޓީ، ލައިފް ބިލޯ ވޯޓަރ އަދި ކްލައިމެޓް ޗޭންޖުފަދަ މަޢޫޟޫޢުތައް ހިމެނެއެވެ. މިއަހަރުގެ ފެސްޓިވަލްއަށް ޒުވާނުން ތައްޔާރުކުރާ ކުރުފިލްމުތައް، މިއަހަރުގެ އޮކްޓޫބަރުމަހު މިޑިޔާގެ ވަސީލަތްތަކުން ދައްކާނެކަމަށް ޔޫއެންޑީޕީއިން ބުނެއެވެ.