ޑެންމާކާއި އޮސްޓްރޭލިއާއަކީ އެއްވަރެއްގެ ދެ ޓީމްކަމަށާއި ދެ ޓީމްގެ ތަފާތަކީ ކުޅުންތެރިންގެ ތަޖުރިބާކަމަށް ޑެންމާކުގެ ކޯޗު އާގޭ ހަރައިޑާ ބުނެފިއެވެ. 
ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުގައި މިއަދު ޑެންމާކާއި ދެކޮޅަށް އޮސްޓްރޭލިއާ ނިކުންނައިރު މި މެޗުން ޕޮއިންޓެއް ނަމަވެސް ހޯދަން އޮސްޓްރޭލިއާއަށް މަޖުބޫރެވެ. 
މެޗުގެ ކުރިން ޑެންމާކުގެ ކޯޗު އާގޭ ހަރައިޑާ ބުނީ އޮސްޓްރޭލިއާ ޓީމުގެ ފެންވަރު ވަރުގަދަ ފްރާންސާއި ދެކޮޅަށް ކުޅުނު މެޗުން ފެނުނުކަމަށާއި، ސަމާލު ނުވެއްޖެނަމަ މެޗުން ބަލިވުން ގާތްކަމަށެވެ. އޭނާ ބުނީ ހަމަ ހަމަ ދެޓީމުގެ ކުރިމަތިލުން ފޯރިގަދަ ވާނެކަމަށާއި، މި މެޗުން މޮޅުވެ ދެވަނަ ބުރުގެ ޖާގަ ޔަގީންކުރަން ބޭނުންވާކަމަށެވެ. 
ގްރޫޕްގެ ފޭވަރިޓުންކަމަށްވާ ފްރާންސާއި ދެކޮޅަށް ނިކުތުމުގެ ކުރިން ދެވަނަ ބުރު ޔަގީންކުރެވިއްޖެނަމަ ހަމަޖެހިލަން އެ މެޗު ކުޅެވޭނެކަމަށާއި، އެހެންކަމުން އޮސްޓްރޭލިއާ އަތުން ބަލިވުމަކީ ބޭނުންވާ ކަމެއް ނޫންކަމަށެވެ. 
އޮސްޓްރޭލިއާގެ މިޑްފިލްޑަރ އާރޮން މޫއީ ބުނީ ޑެންމާކު އަތުން މޮޅުވާނެ ގޮތް އިނގޭކަމަށާއި، ތިން ޕޮއިންޓް ހޯދަން ބޭނުންވަނީ ކުޅުންތެރިންގެ ހިތްވަރުކަމަށެވެ. ކޯޗުގެ ޕްލޭނަށް އިތުބާރު ކުރަންޖެހޭ ސަބަބު ފުރަތަމަ މެޗު ބެލި އެންމެންނަށް ފެންނާނެކަމަށާއި، ލިބޭ ފުރުސަތުތަކުގެ ބޭނުންކުރުމަކީ މި މެޗަށް ނިކުންނައިރު އެންމެ ސަމާލުވާނެކަންތައް ކަމަށެވެ. އަދި ވޯލްޑްކަޕްގައި ކުޅޭ ކޮންމެ މެޗަކީވެސް އޮސްޓްރޭލިއާ ކަހަލަ ޓީމަކަށް ފައިނަލެއްކަމަށްވެސް މޫއީ ބުންޏެވެ. 
މިހާތަނަށް މި ދެ ޓީމް ކުޅެފައިވާ އެކުވެރިކަމުގެ ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކުރީ ޑެންމާކުންނެވެ. އޮސްޓްރޭލިއާ އެއް މޮޅު ހޯދިއިރު، މިއީ ވޯލްޑްކަޕްގައި މި ދެ ޓީމް ވާދަކުރާ ފުރަތަމަ ފަހަރެވެ.