ޚަބަރު

"ހިޔާ" މަޝްރޫޢު: އުފަންދުވަހުގެ ސެޓްފިކެޓް ހުށަހަޅަން ޖެހެނީ ހަމައެކަނި ދަފްތަރުގައި ތިބި މީހުން


''ހިޔާ'' މަޝްރޫޢުގެ ފްލެޓްތަކަށް ފޯމް ހުށަހަޅާއިރު، މާލޭ ދަފްތަރު ކެޓަގަރީ ފިޔަވައި އެހެން ކެޓަގަރީތަކަށް ފޯމް ހުށަހަޅާއިރު އުފަންދުވަހުގެ ސެޓްފިކެޓް ހުށަހަޅަން ނުޖެހޭ ގޮތަށް ހައުސިންގ މިނިސްޓްރީން ހަމަޖައްސައިިފިއެވެ.

ހައުސިންގ މިނިސްޓްރީގެ މީޑިޔާ ކޮންސަލްޓަންޓް އަޙްމަދު ފަޒާލް ވިދާޅުވީ، ހިޔާ މަޝްރޫޢުގައި ފޯމް ހުށަހެޅުމުގައި އުފަން ދުވަހުގެ ސެޓްފިކެޓް ލިބުމުގައި ދަތިތަކެއް ކުުރިމަތިވެ، ފޯމް ލުމުގައި އާންމުންނަށް ލަސްތަކެއް ދިމާވަމުން އަންނާތީ އެކަމަށް ލުއި ގޮތެއް މިނިސްޓްރީން ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން މާލޭ ދަފްތަރު ކެޓަގަރީ ފިޔަވައި އެހެން ކެޓަގަރީތަކުން ފޯމް ހުށަހަޅާއިރު، އުފަންދުވަހުގެ ސެޓްފިކެޓް ހުށަހަޅަން ނުޖެހޭ ގޮތަށް މިހާރު ހަމަޖައްސާފައިވާކަމަށް ފަޒާލް ވިދާޅުވިއެވެ.

މީގެ އިތުރުން ފޯމާއެކު ބޭންކް ސްޓޭޓްމަންޓް ހުށަހަޅަންޖެހޭތީ، އެކަމަށްވެސް ހައުސިންގ މިނިސްޓްރީން ވަނީ ލުއިތަކެއް ހަމަޖައްސާފައެވެ. އެގޮތުން އިންޓަނެޓް ބޭންކް މެދުވެރިކޮށް ޑައުންލޯޑްކުރާ ބޭންކް ސްޓޭޓްމަންޓްވެސް ޤަބޫލުކުރާނެކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.

ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢު ހިޔާގެ ފްލެޓްތަކަށް ފޯމް ބަލައިގަތުން އަންނަ މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. ހިޔާ މަޝްރޫޢުގައި 12 ކެޓަގަރީއަކަށް އަމާޒުކޮށްގެން 7000 ހައުސިންގ ޔުނިޓު އެޅުމަށް ހަމަޖެހިފައިވެއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ފްލެޓަށް އެދި ހުޅުވާލުމުން، ދަރުބާރުގެއިން އެކަނިވެސް ސާޅީސް ހާހަށްވުރެ ގިނަ މީހުން ފޯމް ނަގާފައިވެއެވެ. އަދި އޮންލައިންކޮށްވެސްް ގިނަ އަދަދެއްގެ ފޯމް ޑައުންލޯޑްކޮށްފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.